މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ބޮލީވުޑްގެ ފިލްމު "ބޯޑާ 2" ގެ ލީޑް އެކްޓަރުން އެއް ފޮޓޯއަކުން ދައްކާލައިފި އެވެ.
ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ ފިލްމު އުފައްދާ ޓީމާ އެކު، ލީޑް ހަތަރު އެކްޓަރު ފޮޓޯއަކަށް ހުއްޓިގެން ތިބި ތަނެވެ. އެގޮތުން ޕޫނޭގެ ޑިފެންސް އެކަޑެމީގައި ނަގާގައިވާ ފޮޓޯގައި ފެންނަނީ ސަނީ ޑިއޯލް އާއި ވަރޫން ދަވަނާއި އަހާން ޝެޓީގެ އިތުރުން ދިލްޖީތު ދޮސަންޖެވެ.
ސަނީ އަކީ 1997 ގެ "ބޯޑާ" ގެ ކާސްޓުން އާ ފިލްމުގެ ކާސްޓްގައި ހިމެނޭ ހަމައެކަނި އެކްޓަރެވެ.
"ބޯޑާ 2" ގައި ހިމެނޭ އަހާން އަކީ ފުރަތަމަ ބައިގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސުނިލް ޝެޓީގެ ދަރިފުޅެވެ. އަހާން ބޮލީވުޑަށް ނުކުތީ 2021 ގެ "ތަޅަޕް" އިންނެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒާއި "ބޯޑާ" އުފެއްދި ޑައިރެކްޓަރު ޖޭޕީ ދައްތާގެ ފިލްމު ކުންފުނި، ޖޭޕީ ފިލްމްސް ގުޅިގެން ހަދާ "ބޯޑާ 2" ގެ ޑައިރެކްޓަރަކީ އަނޫރާގް ސިންގް އެވެ. އޭނަ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް އަކްޝޭ ކުމާރުގެ 2019 ގެ "ކޭސަރީ" ހެދި ޑައިރެކްޓަރެވެ.
"ބޯޑާ 2" ގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު، މީގެ ބަތަލާއަކަށް ސޯނަމް ބަޖްވާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ފިލްމަށް އިތުރު ބަތަލާއިން ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ބޯޑާ 2" ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ޖެނުއަރީ 23 ގަ އެވެ.