ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓްގެ ރިޕޯޓް" މިއަދު އިފުތިތާހުކޮށްފި އެވެ.
މިއީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަ ސާވިސަސް (ސެއިލްސް) މަޝްރޫޢުގެ ދަށުން އިޤްތިޞާދީ ދާއިރާތަކަށް ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތުގެ ހުނަރުތައް ދެނެގަތުމަށްޓަކައި ކުރިއަށް ގެންދިޔަ ދިރާސާއެކެވެ.
ގައުމީ ޔުނިވަސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރިޕޯޓް ލޯންޗްކޮށް ދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަޠީފެވެ.
މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި ދިރާސާގެ އަމާޒަކީ ހޯދުންތަކުގެ އަލީގައި، ތަމްރީނު ދޭ މުއައްސަސާތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި، ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަނެ، ރާއްޖޭއަށް ބޭނުންވާ ޢިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށް ނިދުމުގެ މަގުޗާޓެއް އެކުލަވާލުމެވެ.
ދިރާސާގައި މުޅި ރާއްޖެ ހިމެނޭހެން އިގުތިސާދީ 7 ދާއިރާއަކުން މަޢުލޫމާތު އެއްކޮށްފައިވެ އެވެ.
އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
* ފަތުރުވެރިކަމުގެ ދާއިރާ
* ޢިމާރާތްކުރުމުގެ ދާއިރާ
* އިޖްތިމާޢީ ދާއިރާތައް: ތަޢުލީމީ ދާއިރާ އަދި ސިއްޙަތާއި އިޖްތިމާޢީ ޚިދުމަތްތެރިކަމުގެ ދާއިރާ
* ހޯލްސޭލް ރީޓެއިލް، ވިޔަފާރީގެ ދާއިރާ
* އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާ
* ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ
* ދަތުރުފަތުރުގެ ދާއިރާ
ދިރާސާގައި ހިމަނާފައިވާ މި ދާއިރާތަކުން މަސައްކަތްތެރިންގެ ތަފާސްހިސާބާއި ކޮންމެ ދާއިރާއަކަށް އެންމެ ބޭނުންވާ ތަމްރީނާއި ހުނަރުތަކަށް ދިރާސާގައި އަލިއަޅުވާލާފައިވެ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ވަޒީފާގެ ފުރުޞަތުތައް އެންމެ ބޮޑަށް އިތުރުވާނެ ދާއިރާތަކަކީ ޓޫރިޒަމް، ކޮންސްޓްރަކްޝަން، ހެލްތު އަދި އައިސީޓީ އެވެ.