މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނުގެ ރަޝީދުގެ މައްސަލައިގައި ހަގީގަތް ހޯދަން ރިޔާސި ކޮމިޝަނުން ކުރި މަސައްކަތުގެ ރިޕޯޓްއާންމުކުރަން އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިި އެވެ.
އެކަން ރައީސް ވަނީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާކުރައްވައިފަ އެވެ. ކޮމިޝަންގެ ރިޕޯޓް ރައީސަށް އެރުވުކަން އެ ކޮމިޝަނުން ހާމަކުރީ މިއަދެވެ.
ހ. ފެންޓެނޯއީ ގެއިން ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ، 21، ވެއްޓިފައި ވަނީ އެޕްރީލް 18 ގަ އެވެ. އެ ހާދިސާގައި އޭނަ އަށް ލިބުނު އަނިޔާތަކަށް މެލެޝިއާގައި އަންނަނީ ފަރުވާ ދެމުންނެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ކޮމިޝަން އުފެއްދީ އޭޕްރިލް 27 ގަ އެވެ. އެ ކޮމިޝަނުގެ ރައީސަކީ ކުރީގެ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރެވެ.
ޔުމްނުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވީ، އެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގުގައި، ފެންނަން ހުރި ހަގީގަތްތަކާ ފުށުއަރާ މައުލޫމާތުތަކެއް އާންމުކޮށް، މައްސަލައިގައި ހިމެނޭ ބަޔަކު ނުވަތަ މީހަކާ މެދު އާންމު އުސޫލާ ހިލާފަށް ލުއި ގޮތްތަކަކަށް އަމަލުކޮށްފައިވާތީ، ޒުވާނުންތަކެއް އިސް ނަގައިގެން ސިލްސިލާތަކެއް މުޒާހަރާތަކެއް ކުރަން ފެށުމާ ގުޅިގެންނެވެ.
ޔުމްނުމ 21، ވެއްޓުނު ހާދިސާއާ ގުޅިގެން އޭނައާ އެކު ރައުދު އަހުމަދު ޒިލާލް، 22، އަށް މިހާރު ވަނީ ކްރިމިނަލް ކޯޓްގައި ދައުވާކޮށްފަ އެވެ.