މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ގެ 7 ވަނަ ސަމިޓަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިއަދު ދުބާއީ އަށް ފުރާވަޑައިގެންފި އެވެ.
މި މަހުގެ 18 އާއި 19 އަށް ކުރިއަށްދާ އެ ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވާނެ އެވެ.
މި ބައްދަލުވުންތަކުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައި ވަނީ، ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުން ދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.
އެފްރިކާ އާއި އޭޝިޔާގެ ޤައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓުގައި، މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައްވެސް، ސަމިޓުގެ ބައިވެރިން މުރާޖަޢާ ކުރާނެ އެވެ.
މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށް ފަހު ސާޖިދާ އަށް ވަނީ، މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދާ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދީފަ އެވެ.