ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމައިފި އެވެ.
ނަޝީދު ވެސް އިސްކޮށް ހުންނަވައިގެން އުފެއްދި ޕާޓީން އެ މަނިކުފާނު ވަކިވަޑައުގަތީ 2023 ގަ އެވެ. އެ ޕާޓީގެ ޗެއާޕާސަންކަމާއި ރައީސްކަން ވެސް ކުރެއްވި ނަޝީދު އެމްޑީޕީ ދޫކޮށްލެއްވީ 2023 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގައި ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓް ލިބިވަޑައިނުގަތުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެންނެވެ.
އޭގެ ފަހުން ނަޝީދު އިސްކޮށް ހުންނަވައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުނެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމެވި އިރު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ އެކު ބައްދަލުވުންތަކެއް ބާއްވާފައިވެ އެވެ. ނަޝިދު އަލުން ވެރިކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވަައި، އެމްޑީޕީގެ އިސް ބޭފުޅުންނާ އެކަން ހިއްސާކުރައްވާފައިވެ އެވެ.
ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމެވިކަން މިއަދު ހާމަކޮށްފައި ވަނީ މޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ގަރާރެއް ފާސްކުރުމަށްފަހު އެވެ. ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރެއްގަ އެވެ.
އެ ގަރާރުގައި ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަޘެވެ.
ނަޝީދާ އެކު އެމްޑީޕީއާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް އެމްޑީޕީ ގުޅިވަޑައިގައިތުމަށް ނިންމާފައިވެ އެވެ.
އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅުނު ބޭފުޅުންގެ ތެރެއިން ހަސަން ލަތީފާއި އަލީ އާޒިމް ވެސް މީގެ ކުރިން ވެސް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.