މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު އަށް މެލޭޝިއާގައި ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު، ޔުމްނު ފަރުވާ އަށް މެލޭޝިއާ އަށް ގެންދިޔައީ އެޕްރީލް މަހުގެ 26 ގަ އެވެ.
އޭނަގެ އާއިލާ އިން ބުނީ ފަރުވާ ދިނުމަށް ފަހު، އޭނަ މިހާރު ހޮސްޕިޓަލުން ޑިސްޗާޖްކޮށްފައިވާ ކަމަށެވެ.
ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ބުރިން އެ ގެއާ އިންވެގެން ހުރި މިޓާޒްގެ ފުރާޅު މައްޗަށް ޔުމްނު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން، ރައުދު އަހުމަދު ޒިލާލް، 22، އަށް މިހާރު ކްރިމިނަލް ކޯޓްގައި ދައުވާކޮށްފައިވެ އެވެ. އޭނަ އަކީ އެ ހާދިސާ ހިނގި އިރު، ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު މީހާ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދަން ރައީސް ޑރ. މުހައްމަދު އުފެއްދި އިންކުއަރީ ކޮމިޝަންގެ މަސައްކަތް ނިންމައި އެކަމާ ގުޅޭ ރިޕޯޓް މިއަދު ރައީސަށް ފޮނުވާފައިވެ އެވެ. އަދި ރައީސް ވަނީ އެ ރިޕޯޓް ކުރުމަށް ކޮމިޝަނަށް އަންގަވައިފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ފުލުހުން ވެސް ތަހުގީގު ކުރަމުން އަންނަ އިރު، މިހާތަނަށް އަދި ޔުމްނުގެ ބަޔާން ނެގޭ ގޮތް ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެކަމަށް އެއްބާރުލުން ނުލިބޭ ކަމަށް ވެސް ފުލުހުން ބުނެފައިިވެ އެވެ. އާއިލާ އިން ބުނާ ގޮތުގައި ޔުމްނު އަދިވެސް އޮތީ ބަޔާން ދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ.