މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ގުނަވަންތަކާމެދު ސުވާލު ކުރެވޭނެއެވެ. އެއީ ވަރަށް ބޮޑު ނިޢުމަތެކެވެ. އަތާއި ފަޔާއި، ލޮލާއި ބޮލާއި ކަތްފަތާއި އެންމެހާ ގުނަންތަކަކީ ވެސް ނިޢުމަތްތަކެވެ. އެއިން ނިޢުމަތެއް އުނިވުމުން ނޫން ގޮތަކުން އެ ނިޢުމަތުގެ ބޭނުން އިންސާނާ އަށް ތަޞައްވަރު ކުރަން އުނދަގޫ ވެދާނެ އެވެ.
އަޅުގަނޑުމެން ދަތުރުފަތުރު ކުރުމަށްޓަކައި ﷲ ދެއްވާފައިވާ ވަސީލަތްތަކަކީ ވެސް ވަރަށް ބޮޑެތި ނިޢުމަތްތަކެވެ. ނިޢުމަތްތަކަށް ޝުކުރުވެރި ވުމަކީ އެ ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ކުރުމެވެ. އެންމެ އެދެވޭ ގޮތުގައި އޭގެ ބޭނުން ކުރުމެވެ. އަޅުގަނޑުމެންނަށް މިއަދު ވަރަށް ގިނައިން ތަކުރާރުކޮށް އެކްސިޑެންޓުތަކުގެ ވާހަކަ އަޑު އިވެމުން ދެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެކްސިޑެންޓް ތަކުގެ ސަބަބުން އެތައް ޒުވާނުންނެއް މަރުގެ ޝިކާރައަކަށް ވަނީ ވެފަ އެވެ.
މިފަދަ ނުރައްކާތެރި ކަންކަމުން ސަލާމަތްވުމަށް ގުނަވަންތަކަށް އޯގާތެރިވާން އެބަޖެއެވެ. ދަތުރުފަތުކުރުމަށް ގެންގުޅޭ ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެއެވެ. މީސްތަކުންގެ ފުރާނަ ސަލާމަތްކުރުމަށް ހެދިފައިވާ ޤާނޫނު ތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހެ އެވެ. ކާރު، ސައިކަލް ފަދަ ތަކެތި ދުއްވުމުގައި އަވަސް އަރައިގަނެގެން ނުވާނެ އެވެ. އަވަސް އަރައިގަތުމަކީ އޭގެ ފަހަތުގައި ނުބައި ނަތީޖާ ވާ ކަމެކެވެ.
ހަމަ އެގޮތަށް ޕާކު ކުރަންޖެހޭ ތަންތާގައި ޕާކު ކުރުމާއި ދުއްވަން ކަނޑައަޅާފައިވާ މިންގަނޑުތެރޭގައި ދުއްވުމާއި، މި ނޫނަސް ވެސް މިބާވަތުގެ ޤަވާޢިދުތަކަށް ތަބަޢަވުމަކީ ދީނީ ނަޒަރުން ބަލާއިރު ވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.
މި ޤަވާޢިދު ތަކާ ޚިލާފު ވުމުން މީހުންގެ ފުރާނައަށާއި، މުދަލަށް ކިހާވަރެއްގެ ގެއްލުމެއް މެދުވެރިވޭހެއްޔެވެ؟ މިއީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ މައްސަލައެކެވެ. މި ޤަވާޢިދުތަކާ ޚިލާފުވުމުގެ ސަބަބުން ގެއްލިފައި ވަނީ ކިތައް ފުރާނައެއް ހެއްޔެވެ؟ ތަޙައްމުލު ކުރަން ޖެހިފައި ވަނީ ކޮންފަދަ ބޮޑެތި ވޭންތަކެއް ހެއްޔެވެ؟
ޓްރެފިކް ލައިޓަށް ހުއްޓަން ޖެހޭނެއެވެ. ބައެއް މީހުންގެ ނަޒަރުގައި އެގޮތައް ހުއްޓި ތިބުން މުހިންމު ކަމަކަށް ނުވެދާނެއެވެ. ބައެއް ފަހަރު މާބޮޑު ކަމަކަށް ނުހަދާ ހުރަސްކޮށް ދާ ތަން ވެސް ފެނެއެވެ. މި ކުރެވެނީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ވިސްނުން ހުއްޓެވެ!
ޤައުމުގެ އަމަންއަމާންކަމާއި، ރައްޔިތުންގެ މަޞްލަޙަތާއި، ނިޒާމު ދެމެހެއްޓުމަށްޓަކައި އިސްލާމްދީނާ ޚިލާފު ނުވާގޮތައް ކަނޑައަޅާ ޤަވާޢިދުތަކާއި ޤާނޫނޫ ތަކަށް، އިސްލާމީ ޝަރީޢަތުގެ ޤަވާޢިދެއްކަމުގައިވާ "އަލްމަޞްލަޙަތުލްމުރްސަލާ" ގެ ދަށުން މުޅި މުޖުތަމަޢުގެ ޢާއްމު މަޞްލަޙަތަށްޓަކައި ކަނޑައެޅިފައިވާ ކަންކަމެވެ. އެ ކަންކަމަށް ބޯލެނބުމަކީ ދީނީ ގޮތުން ވެސް ވާޖިބު ކުރާ ކަމެކެވެ. ދީނާ ޚިލާފު ނުވާ ގޮތަށް ޤައުމުގެ އަމަންއަމާންކަމާއި ރައްޔިތުންގެ މަޞްލަޙަތާއި މުޖުތަމަޢުގެ ނިޒާމު ދެމެހެއްޓުމަށްޓަކައި ޤާނޫނާއި ޤަވާޢިދު އެކުލަވާލުމަކީ ދީނީ ގޮތުން ދައުލަތަށް ދެއްވާފައިވާ ބާރެކެވެ.
މީގެ އަލީގައި ދެންނެވޭނީ ޓްރެފިކާ ބެހޭ ޤަވާޢިދަކީ ދީނާ އެއްގޮތަކަށް ވެސް ޚިލާފުވުމެއް ނެތި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތާއި އެބައިމީހުންގެ ފުރާނައިގެ ސަލާމަތައްޓަކައި އެކުލަވާލެވިފައިވާ އެއްޗެއްކަމެވެ. ޓްރެފިކް ޤަވާޢިދުދައް ވަންނާނީ މަޞަލަޙަތުލްމުރްސަލާގެ ދަށަށެވެ. މިހެންކަމުން އެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި އެއާ އެއްގޮތަކަށް ޢަމަލު ކުރުމަކީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއް ކަމުގައި މި ޒަމާނުގެ ފިޤުހުވެރިން ދެކެލައްވަ އެވެ.
މި ފުރްޞަތުގައި ޓްރެފިކް ޤަވާދުތަކާ ބެހޭ ގޮތުން ބެހޭ ގޮތުން ސަޢުދީ ޢަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަޖިލީހުން ނެރުއްވާފައިވާ ފަތުވާގެ ތަރުޖަމާ މިތަނުގައި ނަކަލުކޮށްލާނަމެވެ. އެ ފަތުވާ އެ މަޖިލީހުން ނެރުއްވި އިރު އެ މަޖިލީހުގެ ރައީސަކީ މިހާރު އަވަހާރަވެފައިވާ މަޝްހޫރު ޢިލްމުވެރިޔާ އަލްޢައްލާމާ އިބުނު ބާޒު އެވެ.
ތިރީގައި މި ވަނީ ފަތުވާގެ ތަރުޖަމާ އެވެ،
ޓްރެފިކް ޤަވާޢިދުތަކާ ބެހޭ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހުން ދެއްވާފައިވާ ފަތުވާ
ފަތުވާ ނަމްބަރު: 15752
ސުވާލު:
ޤަވާޢިދާ ޚިލާފަށް ޓްރެފިކްލައިޓް ހުރަސްކޮށް ދިއުމާއި އަދި މި ނޫނަސް ވެސް މިކަމުގައި ޤަވާޢިދާ ޚިލާފަށްކު ރެވޭ ކަންކަމުގެ ސަބަބުން ފާފަވެރި ވާނެ ތޯއެވެ؟
މިސާލަކަށް: ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރުމިނުގައި ރަށުތެރޭގައްޔާއި ބޭރު ސަރަޙައްދުތަކުގައި ދުއްވުމާއި ޤަވާޢިދާ ޚިލާފަށް ޕާކުކުރުމާއި ވަކިން ޚާއްޞަކޮށް ނަމާދު ވަގުތުތަކުގައި ސަބަބަކާލައިގެން ވެސް ނުވަތަ ސަބަބެއްނެތި އެހެން މީހުންނަށް އުނދަގޫވާ ގޮތައް ކަންތައްތައް ކުރުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯއެވެ؟ ޙަރާމް ކަމެއްތޯއެވެ؟ ނުވަތަ މަކުރޫހަ ކަމެއްތޯއެވެ؟ މިކަމުގައި އަޅުގަނޑުމެންނަށް ފަތުވާއެއް ދެއްވުމް އެދެމެވެ. ތިޔަބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާދެއްވާށިއެވެ.
ޖަވާބު:
ޓްރެފިކް ޤަވާޢިދުތަކަކީ މީސްތަކުންގެ ޢާއްމު މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި ހެދިފައިވާ އެއްޗެކެވެ. މިހެންކަމުން އެޤަވާޢިދުތަކަށް ކިޔަމަންވެ އެއަށް ޙުރުމަތްތެރިކޮށް ހިތުމަކީ ދުއްވާ މީހުންގެ މައްޗައް ވާޖިބުވެގެންވާކަމެކެވެ.އެހެނީ އެކަމުގައި މީސްތަކުގެ މަޞްލަޙަތު ވާތީއެވެ. އެއާ ޚިލާފުވުމުގެ ސަބަބުން ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގުމާއި އެތައް ގެއްލުންތަކެއް މީސްތަކުންނަށް ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑެތި އެހެން ގެއްލުންތައް ކުރިމަތިކުރުވައެވެ. މިސްކިތްތަކުގެ ކައިރީގައި ވަގުތުކޮޅަކަށް ޕާކުކުރުން ދަންނައެވެ! މީސްތަކުންނަށް އުދަގޫ ނުވާގޮތައް އާދަކާދައިގެމަތިން (ނަމާދު ވަގުތުތަކުގައި) މިސްކިތްތަކުގެ ކައިރީގައި ޕާކުކޮށްލުމުގައި ﷲ އިރާދަކުރެއްވިއްޔާ މައްސަލައެއް ނެތް ކަމަށް އަޅުގަނޑުމެން ދެކެމެވެ.
ތައުފީޤު ދެއްވާނީ މާތް ﷲ އެވެ. އެކަލާނގެ ނަބިއްޔާ އަށް ޞަލަވާތާ ސަލާމްހުއްޓެވެ.
ފަތުވާ އާއި ޢިލްމީ ބަޙުޘްތަކާ ބެހޭ ދާއިމީ މަޖިލިސް
މިފަތުވާގައި ސޮއިކުރައްވާފައިވަނީ އަންނަނިވި ބޭކަލުންނެވެ.
1. ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިންބާޒު (ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މުފްތީ ޢާއްމު)
2. ފަޟީލަތުއްޝައިޚު ޢަބްދުﷲ ބިން ޣަދުޔާން (މަޖިލީހުގެ މެންބަރު)
3. ފަޟީލަތުއްޝައިޚު ޞާލިޙުބިން ފައުޒާން (މަޖިލީހުގެ މެންބަރު)
4. ފަޟީލަތުއްޝައިޚު ޢަބްދުލްޢަޒީޒް އާލު ޝައިޚު (މަޖިލީހުގެ މެންބަރު)
5. ފަޟީލަތުއްޝައިޚު ބަކުރު އަބޫޒައިދު (މަޖިލީހުގެ މެންބަރު)
ފަތުވާ ނިމުނީ
މިއީ ޙަޤީޤަތުގައިވެސް ވަރަށް ބޭނުންތެރި ވާހަކަތަކެކެވެ. އިސްލާމް ދީން އަޅުކަން ކުރަން އުނގަންނައިދިން ފަދައިން އުޅެންވެސް ވަނީ އުގަންނައި ދީފަ އެވެ. މުސްލިމުންނަކީ ފޮތެއް އޮތް ގޮތެއް ވެސް ހުންނަން ޖެހޭނެ ސުލޫކު ރަނގަޅު ބަޔަކަށް ވާންޖެހޭނެ އެވެ.
މަސްދަރު: drshaheem.com