Last Updated: June 20, 06:28
Friday, June 20, 2025
ޚަބަރު

އެމްޓީސީސީގެ ހިއްސާއަކަށް 2ރ.

މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި އެވެ.

އެގޮތަށް ނިންމީ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ހިއްސާއަކަށް 2ރ. ބަހަން ނިންމި އިރު، 5.5 މިލިޔަން ރުފިޔާ ހޭދަވާނެ އެވެ. އަހަރީ އާންމު ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވި އިރު، އެއީ އެމްޓީސީސީގެ ޖުމްލަ ހިއްސާދާރުންގެ 69.62 ޕަސެންޓެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5ރ. ރުފިޔާއިން، ހިއްސާއަކަށް 2ރ. ރުފިޔާ ބަހަން ފާސްކުރީ ފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.95 ޕަސެންޠް ވޯޓުންނެވެ.

މިދިޔަ އަހަރު އެމްޓީސީސީން ހިއްސާއަކަށް ބެހީ 3ރ. އެވެ.

ރޭގެ އަހަރީ ޖަލްސާގައި 2023 ގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، މިދޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓު ވެސް ފާސްކޮށްފައިވެ އެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ޕަރޓްނާސް ހަމަޖައްސާފައިވާ އިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 510،300ރ. ދޭން ނިންމާފައިވެ އެވެ.

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާ އިރު، އެ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބުނީ 44.8 މިލިޔަން ރުފިޔާ އެވެ. މިއީ އޭގެ އަހަރށް ފައިދާގެ ގޮތުގައި ލިބުނު 96.6 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 53.6 ޕަސެންޓް ދަށް އަދަދެކެވެ.