Last Updated: June 20, 06:28
Friday, June 20, 2025
މުނިފޫހިފިލުވުން

ސާޖިދުގެ ދަރިފުޅު ތައާރަފުކުރާ ފިލްމަށް ނަމެއް

ބޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ދަރިފުޅު ސުބާން ނަދިއަދުވާލާ ތައާރަފު ކުރަން ހަމަޖެހިފައިވާ ފިލްމަށް މިހާރު ނަމެއް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ

މީޑިއާތަކުން ބުނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ރޮމޭންޓިކް ޑްރާމާގެ ނަމަކަށް ހަމަޖެއްސީ "އޭސީ ދިވާންގީ ދޭކީ ނެހީ ކަހީ" ކަމަށެވެ. ބައެއް މީޑިއާތަކުން ބުނީ އެ ނަން އަދި ރަސްމީކޮށް ފައިނަލް ނުކުރާތީ ނަން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީޑިއާތަކުން މިދިޔަ ފެބްރުއަރީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސުބާން ތައާރަފު ކުރަން ހަދަން ނިންމާފައި ވަނީ "ބާހްބަލީ" އާއި "އާރްއާރްއަރް" ފަދަ ވަރުގަދަ ފިލްމުތައް ގެނެސްދިން ތެލެގޫ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ 2009 ގެ "މަގަދީރާ" ރިމޭކެވެ.

ނަމަވެސް އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް މީޑިއާތަކުން މިހާރު ބުނެ އެވެ.

ސުބާންގެ އަލަތު ފިލްމު ލިޔެ، ޑައިރެކްޓްކުރަން ހަމަޖެހިފައި ވަނީ ޝިޝާންކް ކައިތާނެވެ. އޭނަ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ހަމްޓީ ޝަރުމާ ކީ ދުލްހަނިއާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެ އިތުރުން "ދަޅަކް" ގެނެސްދިން ޑައިރެކްޓަރެވެ.

ޝިޝާންކްގެ ކުރިއަށް އޮތް ފިލްމަކީ ދަރުމާ އިން މި އަހަރުގެ ސެޕްޓެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރު" އެވެ. އޭގެ ތަރިންނަކީ ވަރޫން ދަވަނާއި ޖާންވީ ކަޕޫރެވެ.

ސުބާން އަކީ ސާޖިދާއި އަންހެނުން ވަރުދާ ޚާންގެ ދެ ފިރިހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ސާޖިދުގެ ފުރަތަމަ އަންހެނުންނަކީ 1993 ގައި މަރުވި މަޝްހޫރު ބަތަލާ ދިވްޔާ ބާރްތީ އެވެ. ފާހަގަކޮށްފައިވާ ކަމަކީ ސާޖިދުގެ ދަރިފުޅު ބޮލީވުޑަށް ނެރެން ހަދާ ފިލްމަށް މިހާރު ދީފައި އޮތް ނަމަކީ ދިވްޔާގެ 1992 ގެ ފިލްމު "ދީވާނާ" ގެ ލަވައެއްގެ ކަޑިއަކުން ނަގާފައިވާ ނަމެއް ކަމެވެ. އެއީ އެ ފިލްމުގެ ލަވަތަކުގެ ތެރެއިން ދިވްޔާ އާއި ޝާހްރުކް ޚާންގެ ނެށުންތަކެއް ފެނިގެންދާ "އޭސީ ދިވާންގީ ދޭކީ ނެހީ ކަހީ" އެވެ.

ސާޖިދަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ، ނަދިއަދުވާލާ ގްރޭންޑްސަންގެ މިހާރުގެ ވެރިޔާ އެވެ. އެތަނުގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކުރި "ހައުސްފުލް 5" އެވެ.