Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ތައުލީމާއި ސިއްހީ ދާއިރާގެ އޯޓީއާ ގުޅޭ ގަރާރެއް

ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތަށް އުޖޫރަ ދިނުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެމި ގަރާރު ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު އަމީން ފައިސަލެވެ.

އޭނަގެ ގަރާރުގައި ބުނެފައި ވަނީ 2023 ގައި ސިއްހީ ދާއިރާގެ މަސައްކަތްކުރާ އެކިއެކި ޓެކްނިކަލް ގިންތިތަކުގައި ހިމެނޭ ފަރާތްތައް ނިސްބަތްވާ 63 ގިންތިއެއްގެ މުވައްޒަފުން ފިނޭންސް މިނިސްޓްރީގެ ހެލްތު ޖޮބްމެޓްރިކްސްގެ އުސޫލަށް ހިޖުރަކުރުވައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑު އެހެން ދާއިރާތަކާއެއް ހަމަކުރުމަށް އާ ޕޭ ޕްރޭމްވޯކެއް ތައާރަފުކުރި ކަމަށެވެ.

ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާއި އިތުރު ގަޑީގެ މަސައްކަތް ކުރުވޭނެ އެންމެ މަތީ މިންގަނޑު ހިމެނޭ ސީލިންގްތަކެއް ކަނޑައެޅިފައި އެ ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން މި ދެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހޭ ބައެއްކަން ގަރާރުގައި ބުންޏެވެ.

އަދި ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ ނަންބަރުގައި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ މި މިންގަނޑުގައި އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 ޕަސެންޓް ކަމަށް ގަރާރުގައި ބުންޏެވެ.

"އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފު ލައްވާ މަސައްކަތް ކުރުވުން މަނާވެފައިވީނަމަވެސް ސިއްހީ ދާއިރާގައި އާންމުންނަށް ހިދުމަތްދިނުމަށް އެކަށީގެންވާ އަދަދެއްގެ ސިއްހީ މަސައްކަތްތެރިން ނެތުމާއެކު ސިއްހީ މަސައްކަތްތެރިންގެ ގިނަ ފަރާތްތަކެއް ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހިފައިވޭ." ގަރާރުގައި ބުންޏެވެ..

ތައުލީމީ ދާއިރާގެ ޓީޗަރުންނާއި ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސްކޫލު ގަޑިތަކުގެ ބޭރުން ގިނަ ވަގުތުތަކެއް މަސައްކަތަށް ހޭދަކުރަންޖެހިފައިވާ ކަމަށް ވެސް ގަރާރުގައި ބުންޏެވެ.

އަދި މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ އެއް ސަބަބަކީ ސިއްހީ ދާއިރާގައި ޕޭޝަންޓް-މެޑިކަލް ކެއާޓޭކާ ރޭޝިއޯ އާއި ތައުލީމީ ދާއިރާގައި އެޑިއުކޭޓާ-ސްޓޫޑަންޑް ރޭޝިއޯ ހަމަނުވުން ކަމަށް ގަރާރުގައިވެ އެވެ.

އެހެންވެ ގަރާރުގައި ވަނީ އެމި ދެ ދާއިރާގެ މުވައްޒަފުން އިތުރުކުރުމަކީ މިކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅެއްކަން ފާހަގަކޮށްފަ އެވެ.

"އަދި ހަމައެއާއެކު ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން އިތުރުގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ސީލިންގްއަށް ވުރެ އިތުރަށް އެއްވެސް ފަރާތެއްލައްވާ މަސައްކަތްކުރުވަންޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އެކަށައެޅިފައި އޮތުން ކޮންމެހެން މުހިންމު." ގަރާރުގައިވެ އެވެ.

ގަރާރުގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ބާތިލުވާނެކަން ވަޒީފާއާ ބެހޭ ގާނޫނުގައިި ބަޔާންކޮށްފައިވާ ކަމަށެވެ.

"ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން އިތުރު ގަޑީީގައިި މަސައްކަތްކުރަން ލާޒިމުވާ ހާލަތްތަކުގައި އެ ފަރާތްތަކުން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބިގެންދާނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާ ކުރަން ޖެހޭ." ގަރާރުގައި ބުންޏެވެ.