ރާއްޖޭގެ ޓޫރިޒަމް ބެޑް ކެޕޭސިޓީ އަށް މި އަހަރުގެ މިހާތަނަށް 700 އަށް ވުރެ ގިނަ އެނދު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 785 އެނދުގެ އިތުރުވެފައިވެ އެވެ. މިއާ އެކު މިހާރު ރާއްޖޭގެ ބެޑް ކެޕޭސިޓީ އަކީ 64033 އެވެ.
މިދިޔަ އަހަރު ނިމުނު އިރު ޓޫރިޒަމް ދާއިރާގެ ބެޑް ކެޕޭސިޓި އަކީ 63248 އެވެ.
މިހާރުގެ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 44047 އެނދާއި، ގެސްޓު ހައުސްތަކުގެ 14514 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3162 އެނދުގެ އިތުރުން ހޮޓާތަކުގެ 2310 އެނދެވެ. އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 175 ރިސޯޓު، 853 ގެސްޓުހައުސް، 159 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1203 ޓޫރިސްޓު ފެސިލިޓީ ހިމެނެ އެވެ.
ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ އިރު، އަހަރުން އަހަރަށް ރިސޯޓްތައް ވެސް އަންނަނީ އިތުރުވަމުންނެވެ. ރާއްޖެ އަކީ ލަގްޒަރީ މާކެޓަށް ބަލާ އިރު އެންމެ މަގުބޫލު އެއް މަންޒިލެވެ.
ރާއްޖެ އިން މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އިރު، މިހާތަނަށް 1043080 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 9.1 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައިސްފައި ވަނީ 956360 ޓޫރިސްޓުންނެވެ.