ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓް ވެސް ކުޑަކުރަން ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު، މަޖިލީހަށް ބަލައި ގަނެ، ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީއަށް ކޮޮމިޓީއަށް ފޮނުވައިފި އެވެ.
އެ ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ޝުޖާއު އެވެ.
ގަރާރު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް އެމްޑީޕީގެ 11 މެންބަރަކު ވޯޓު ދެއްވި އެވެ.
އެ ގަރާރުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ވެސް އޮތީ ކައުންސިލަރުންގެ އަދަދު ގިނަވުމުގެ އިތުރުން، ކައުންސިލަތަކަށް ކުރާ ބޮޑު ހޭދައިން ނަތީޖާއިން ނުނިކުންނަ ވާހަކަ އެވެ. އަދި ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު މިއީ މިކަން ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލު ވެސް އުދައްފައި ލާމަރުކަޒީ ނިޒާމުގައި ހުރި ދެކޮޅު ނުޖެހޭ އެތައް ކަމެއް ހިނގަމުންދާ ކަމަށް ބުނެފައިވެ އެވެ.
ގަރާރުގައި ބުނީ މިހާރު އޮތީ ގައުމުގެ ހާލަތާ ނުބައްދަލު އެތައް ބިލިއަން ރުފިޔާއެއް ހޭދަވާ ލާމަރުކަޒީ ނިޒާމެއް ކަމަށާއި މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް އަދި ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު، އިތުރު ބަދަލެއް ފެންނާކަށް ނެތް ކަމަށެވެ.
"އެންމެ ފަންސާސް މީހުންގެ އާބާދީއަށް ވެސް، މުނިސިޕަލް ހިދުމަތް ދިނުމަށް، އިންތިހާބުކޮށް ދައުލަތުން، މުސާރަ ދޭން ޖެހޭ." ގަރާރުގައިވެ އެވެ.
މި ގަރާރަށް އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މިއީ ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތެއްގެ ގލތުގައި ސިފަކޮށްފައިވެ އެވެ. އަދި މި ސަރުކާރުގެ އަމާޒު ބުނީ އިންތިހާބީ ކައުންސިލަރުން މަދުކޮށް، ސިޔާސީ މަންފާ އަށް ސިޔާސީ މަގާމުތަކަށް އިތުރަށް މީހުން ނެގުން ކަމަށް އެމްޑީޕީގެ މެންބަރުން ގަރާރަށް ބަހުސް ކުރައްވަމުން ވިދާޅުވެފައިވެ އެެވެ.