އައްޑޫ ލިންކް ރޯޑް ތަރައްގީ ކުރަން ފެށުމަށް ތައްޔާރުވަމުން އަންނާތީ އެ މަސައްކަތަށް ހާއްސަ ސައިޓް ހަމަޖެހުނުހާ އަވަހަކަށް މަގުގެ މަސައްކަތް ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލބް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދުދީދީ ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އައްޑޫ ލިންކު ރޯޑުގެ މަސައްްކަތަކީ ވަރަށް ޚައްސާސް މައްސަލައެއް ކަމަށެވެ. އެގޮތުން އެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތަކަށް ސައިޓެއް ހޯދުމުގެ މަސައްކަތް މިވަގުތު ކުރިއަަށްދާ ކަމަށް ވިދާޅުވި އެވެ.
"މި ވަގުތު މޮބިލައިޒް ކުރުމަށްޓަކައި، ސައިޓް ހޯދުމަށްޓަކައި، ކައުންސިލާ އެކު މަޝްވަރާކުރެވިގެން ސައިޓެއް ފައިނަލް ކުރެވޭ ހިސާބުގައި އޮތީ. ސައިޓް ފައިނަލް ކުރެވުނުހާ އަވަހަށް އެ ސައިޓް މަސައްކަތް އާރްޑީސީން ފަށާނެ،" މުއްތަލިބް ވިދާޅުވި އެވެ. "މޮބިލައިޒް ކުރެވުނީމާ މަސައްކަތް ފެށިގެން ދާނެ. އަޅުގަނޑުމެން ދުވަސްތަކެއްވެއްޖެ ސައިޓެއް ކަނޑައެޅުމަށް މަސައްކަތްތަކެއް ކުރަމުންދާތާ."
ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ މަގު އަލަން ތަރައްގީ ކުރަން ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ އެޕްރީލް 8 ގަ އެވެ. ލިންކް ރޯޑުގެ މަޝްރޫއު ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދާނެ އެވެ. އެގޮތުންނ 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.
އެ މަޝްރޫއު ނިންމަން އަމާޒު ހިފާފައި އޮތީ 2028 ގެ ކުރިންނެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަވުމެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ލިންކް ރޯޑްގައި މިހާރު ހުރި ވަޅުގަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ. އޭނަ ވިދާޅުވީ އެކަމަށް ބޭނުންވާ ތާރު މިހާރު ލިބިފައިވާ ކަަމަށެވެ.
އައްޑޫ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މެގެކެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި އެ މަގު ވަރަށް ބޮޑަށް ހަލާކުވެ، އެކި ފަހަރުމަތިން މަރާމާތުކުރި ނަމަވެސް މަހުގެ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ.