Last Updated: June 20, 06:28
Friday, June 20, 2025
ޚަބަރު

އީ-ފާހުގައި އާބާދީގެ ބޮޑު ބައެއް ރަޖިސްޓްރީވެއްޖެ

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އީ-ފާހުގައި ރަޖިސްޓްރީވެއްޖެ އެވެ.

ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ހިޔާލު ހޯދަން މިއަދު ބާސެލޯ ނަސަންދުރާގައި ވޯކްޝޮޕެއް ފެށުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ އީ-ފާހުގައި 260،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލެއްގެ މަސައްކަތުން އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބި، އިތުރު ރައްކާތެރިކަމެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ކޮންމެ ޚިދުމަތެއް ވެސް އޭގެ ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ފޯރުކޮށް ދިނުން. އަދި ޑިޖިޓަލް ޚިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ހޯދުން." ކިނާނަތު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މި ބިލާ ގުޅިގެން އީ-ފާސް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތުގެ ސަލާމަތް ކުރުމުގެ ކަށަވަރުކަން ވެސް ލިބޭނެ ކަމަށެވެ.

އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން މުހިންމު ބިލުތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ޑޭޓާ ސެކިޔުރިޓީއާ ބެހޭ ބިލާއި ސައިބާ ސެކިއުރިޓީ ބިލު މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ކިނާނަތު ވިދާޅުވި އެވެ. އަދި "މޯލްޑިވްސް 2.0" ބިލާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއިއި) ގެ ބިލުގެ ޑްރާފްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ޚިޔާލު ހޯދަން މިއަދު ފެށި ވޯކްޝޮޕްގައި ކަމާބެހޭ އިދާރާތަކުގެ 90 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ. މި ވޯކްޝޮޕްގެ މަޤުޞަދަކީ ބިލުގެ ދެ ވަނަ ޑްރާފްޓް އެކުލަވާލުމުގެ ކުރިން، ހިޔާލާއި މަޝްވަރާ ހޯދުމެވެ.