ދެހާސް ބާވީހުގައި މާލޭައު ބޭއްވި ޔޯގާގެ ހަރަކާތަލާ ދެކޮޅަށް ހިންގި ހަމަނުޖެހުމާއި ގުޅިގެން ކަމަށް ބުނެ ދެ ޢިލްމުވެރިއެއްގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު އުފުލި ބޮޑެތި ދަޢުވާތައް ކުރިއަށް ނުގެންނަން ނިންމައިފި އެވެ.
ޖޫން 21، 2022 ގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ދައުވާ އުފުލީ ޝެއިޚް ފަޟުލޫން ބިން މުހައްމަދާއި ޝެއިޚް އާދަމް ނިޝާން ގެ މައްޗަށެވެ. ދެ ޢިލްމުވެރީންގެ މައްޗަށް އުފުލާފައި އޮތީ 10-15 އަހަރުގެ ދިގު ޖަލު ހުކުމެއް އަންނާނެ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދަޢުވާތައް މުރާޖަޢާކޮށް ދިނުމަށް އެދި، ދަޢުވާލިބޭ ފަރާތްތަކުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް މުރާޖަޢާ ކުރުމަށް ފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވި ކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަށް އިތުރަށް ކުރިއަށް ނުގެން ދިއުމަށާއި، މި މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ދަޢުވާތަށް މުރާޖަޢާކުރުމުގައި، ކުށުގެ އަމަލު ހިނގައި ދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާ މެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިންކަމަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި، ދަޢުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، ދަޢުވާ ލިބޭ ފަރާތްތަކުން މުޖުތަމަޢުގައި އަދާކުރާ ދައުރަށް ރިޢާޔަތްކޮށްފައި ވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށް ދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާތަކެވެ.