Last Updated: April 30, 18:09
Tuesday, April 30, 2024
ކޮލަމް

އެދުރުންގެ މަގާމު

ހިތަދޫ ކެންގަރޫ ކިސްޑްގެ ކުލާސްރޫމެއްގައި ދަރިވަރުންނާއި ޓީޗަރަކު ހަރަކާތްތެރި ވަނީ. ފޮޓޯ/ ކެންގަރޫ ކިޑްސް

އެގައުމެއްގެ ތަޢުލީމީ ނިޒާމު ހަރުދަނާވި މިންވަރަކުން މެނުވީ އެގައުމަކަށް ކުރިއެރުމާއި ތަރައްގީއެއް ނުގެނެވޭނެއެވެ. އެބަޔެއްގެ ކުރިމަގުވެސް ކަޑައެޅޭނީ އެބަޔެއްގެ ތަޢުލީމީ ކަންކަން ރޭވިފައިވާ މިންވަރެއްގެ މައްޗަށާއި، އެކަމަށް އަހުމިއްޔަތުކަންދޭ މިންވަރަކަށާއި، އެކަމަށް ހޭދަކުރާ މިންވަރެއްގެ މައްޗަށް ކަމާއި މެދު ޝައްކެތްނެތެވެ.

އިސްލާމީ އުއްމަތް ދުނިޔޭގައި އެހެނިހެން އުއްމަތްތަކުގެ މައްޗަށް ކާމިޔާބު ހޯދާފައިވަނީ އެއިރު މުސްލިމުން ތަޢުލީމަށްދިން އަހައްމިއްޔަތެއްގެ ސަބަބުން ކަމާމެދު ޝައްކެތްނެތެވެ. މިއަދު ޣައިރު މުސްލިމުން ދުނިޔެވީ ގޮތުން ބޮޑެތިކާމީޔާބީތައް ހޯދަމުންދަނީ އެމީހުންގެ މެދުގައި އެންމެ އިސްކަމެއް ތަޢުލީމަށް ދެވިފައިވާތީ އެވެ.

ކީރިތި ރަސޫލު صلى الله عليه وسلم ފިޔަވައި ދެންކޮންމެ އިންސާނަކީ އެދުރަކަށް ބޭނުންވާނެ މީހެކެވެ. އެހެންކަމުން ކޮންމެ އިންސާނަކުމެ ތިމާއަށް އެއްޗެއް އުގަންނައި ދިން މުދައްރިސަކީ ތިމާގެ މައިންބަފައިން ފަދައިން އަދަބު އިޙުތިރާމް އަދާކުރަންޖެހޭ ފަރާތެއް ކަން ކަށަވަރެވެ. މާޒީގައި ހިގައިދިޔަ އެންމެހައި ކަންތައްތައް ހަނދާން ނެތުނު ކަމުގައިވިޔަސް ތިމާ ދުނިޔެއަށް އުފަންކުރި މަންމަ އާއި ތިމާއަށް އެއްޗެއް އުގަންނައި ދިން އެދުރުމީހާގެ މަތިން ހަނދާން ނެތިގެން ނުވާނެއެވެ.

އެހެން ގޮތަކަށް ދަންނަވާނަމަ އެދުރުމީހާ އަކީ އިންސާނާ ދުނިޔޭގައި ދިރިއުޅުމުގެ ހުނަރާއި ވައްޓަފާޅި އަދި ތިމާގެ ކިބައިގައި ހުންނަންޖެހޭ ރިވެތި އަޚުލާގު އުގަންނައިދޭ ފަރާތެވެ. އެދުރުންނަށާއި އުސްތާޒުންނަށް ކަމޭހިތައި މާތްކޮށް ހިތުމަށް އިސްލާމްދީނުގައި އަންގަވައި ގޮވާލައްވާފައި ވެއެވެ.

މިކަމަށް އިޝާރާތްކުރައްވައި ކީރިތި ރަސޫލު صلى الله عليه وسلم ހަދީޘު ކުރެއްވިއެވެ. " ތިޔަބައިމީހުން އިލްމު އުގެނޭށެވެ. އަދި އިލްމަށްޓަކައި ހަމަހިމޭންކަމާއި މަޑުމައިތިރިކަން ދަސްކުރާށެވެ. އަދި ތިޔަބައިމީހުން އެމީހެއްގެކިބައިން އިލްމުއުގެނޭ މީހާއަށް ތަވާޟުއުވެރިވެ މަޑުމައިތިރިވާ ހުށިކަމެވެ." އަދިއަލީ رضي الله عنهގެ ބަސްފުޅެއްގައިވެއެވެ. މީހެއްގެކިބައިން އެންމެބަހެއް ނަމަވެސް އުގެނިއްޖެނަމަ އެމީހަކީ ތިމާގެ އުސްތާޒެއްގެ ދަރަޖަލިބިގެންވާފަރާތެކެވެ. އަދި ކޮންމެ އުސްތާޒަކަށް އަދަބު އިޙުތިރާމު އަދާކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެދުރެއްގެ ކިބައިން އުގެނުނު އެއްޗަކުން އެމީހަކަށް އެންމެފުރިހަމަ މަންފާ
ކުރާނީ އުގަންނައިދިން މުދައްރިސަށް އަދަބު އިހުތިރާމު އަދާ ކޮށްގެންނެވެ.

ޝައްކެތްނެގޮތުގައި ކޮންމެ މުޖުތަމަޢެއްގައި އެދުރުންނާއި މުދައްރިސުންނަށް އަދަބު އިޙުތިރާމް ފުރިހަމަޔަށް އަދާ ކުރެވޭނަމަ އެމުޖުތަމަޢަކީ ކުރިއެރުމާއި ތަރައްގީގެ މަގުގައި ކުރިޔަށްދާނެ މުޖުތަމަޢެކެވެ. އަޅުގަޑުމެންގެ މިކުޑަކުޑަ މުޖުޖުތަމަޢުވެސް ތަރައްގިއާއި ކުރިއެރުން ބޭނުންނަމަ އެދުރުންނާއި މުދައްރިސުންންގެ އަދަބާއި އިޙުތިރާމު ދަމަހައްޓަންޖެހެއެވެ.

ދިރާސީ އާ އަހަރެއްގެ ކިޔެވުންފެށިގެންދާ އިރު އެންމެގިނައިން ދެކެވޭ އެއްވާހަކައަކީ ދަރިވަރުންގެ ކިޔެވުމުގެފެންވަރާއި އަޚުލާގީ ފެންވަރު ދަށްވާހަކައެވެ. މަދުރަސާތަކުގައި ކިޔަވައިދޭނެ ގާބިލު މުދައްރިސުން ނެތްވާހަކައެވެ. ފާއިތުވި އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ސްކޫލްތަކުގެ ކިޔެވުންފެށުނު އިރު ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ހަމަވެފައިނެތެވެ. ޘާނަވީ ލެވެލްގައި ގިނައީ ބިދޭސީންނެވެ. އައްޑޫސިޓީގެ ބޮޑެތިސްކޫލް ތަކުގައި ޕްރިންސިޕަލުންނެތެވެ.

އެމަގާމުތަކަށް ކުރިމަތިލާނެ ބަޔަކު ނުލިބިގެންނެވެ. މީމުޅިރާއްޖެއަށް ކުރިމަތި ވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. ހަގީގަތަކީ މިދާއިރާގައި ދިވެހިން މަސައްކަތް ކުރަން ބޭނުންނުވަނީއެވެ. މީގެކުރިން މިދާއިރާއިން ތަމްރީނު ލިބިގެންތިބި ގާބިލު އެތައް މުދައްރިސުންނެއް ވަނީ މިދާއިރާދޫކޮށް އެހެން ދާއިރާތަކަށް ހިޖުރަކޮށްފައެވެ. ގައުމީޔުނިވަރސިޓީން މުދައްރިސުން ތަމްރީނު ކުރުމަށްޓަކައި ތަފާތު ފެންވަރުގެ ކޯސްތައް ހިންގައެވެ.

އެކަމަކު އެކޯސްތަކަށް ކުރިމަތި ލާނެ ގާބިލު ކުދިންނެއް ނުލިބެއެވެ. ގާބިލު ކުދިންއެކަމަށް ކުރިމަތިލައިގެންނޫނީ ގާބިލު މުދައްރިސުން ތަކެއް ނުއުފެއްދޭނެކަން ކަށަވަރެވެ. މިކޯސްތަކަށް ގާބިލު ކުދިން ކުރިމަތި ނުލަނީ ކީއްވެގެންތޯ އަޅުގަޑު ގައުމީ ޔުނިވަރސިޓީގެ އިސްވެރިއެގެ އަރިއަހުން ސުވާލުކުރީމެވެ. އެބޭފުޅާގެ ޖަވާބަކީ "މިކަމަށް ކުރިމަތިލާންވީ މޮޔަވެގެންތޯއެވެ" ކޮންމެއިންސާނަކީ ޟަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އާމްދަނީއެއް ހޯދަން މަސައްކަތެއް ކުރަންޖެހޭމީހެކެވެ.

ތަޢުލީމީދާއިރާގައި މަސައްކަތް ކުރާމުދައްރިސުންނަށް އެމީހުންކުރާ ބުރަމަސައްކަތުން ލިބޭ އެއްޗަކުން ދެކޮޅުނުޖެހެއެވެ. އެތައް އަހަރެއްގެ ބުރަމަސައްކަތުން ޑިގްރީއާއި ހަމަޔަށް ކިޔަވައިގެން އައިސް މިދާއިރާއަށް ވަނުމުން ފެށޭ މުސާރައެއްގެ ގޮތުގައި ލިބެނީ 7030 ރުފިޔާއެވެ. ހުރިހާއެއްޗެއް އެއްކުރުމުން ދިހަހާސް ރުފިޔާ ހަމަ ނުވެއެވެ.

އެއާޚިލާފަށް އެހެންދާއިރާއްގައި މަސައްކަތް ކުރާ އާދައިގެ މުވައްޒަފަކަށްވެސް މުދައްރިސުންނަށް ލިބޭ އެއްޗަކަށް ވުރެ މާބޮޑުތަން ރަގަޅު އެއްޗެއް ލިބެއެވެ. މިއަދު މުދައްރިސުންގެމުސާރައަށް ބަލާއިރު ލިބޭ އެއްޗަކީ ކުރަންޖެހޭ މަސައްކަތާއި އުފުލަންޖެހޭ ބުރައަށް ބަލާއިރު، ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ.

އުގަންނައިދިނުމަކީ ޖީލެއްބިނާކުރުމުގެ އެންމެ މުހިއްމު މަސައްކަތެވެ. މިދާއިރާއަކީ އެންމެމުހިއްމު ދާއިރާ އެވެ. އެހެންކަމުން މި ދާއިރާ ހީނަރުވެއްޖެ ނަމަ، ހީނަރުވެގެން އެދަނީ މުޅި ގައުމުގެ މުސްތަގުބަލެވެ. ބަނަވެގެން ދަނީ ގައުމުގެ ރައްޔިތުންގެ ކުރިމަގެވެ. އަޅުގަޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި މުދައްރިސުންކުރާ އަގުހުރި ބުރަމަސައްކަތުގެ އަގުވަޒަން ކުރެވެންޖެހެއެވެ.

އުނގަންނައި ދިނުމުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އަދި ގާބިލު ދިވެހި ޒުވާނުން މިދާއިރާއަށް ނެރުމަށްޓަކައި މިހާރުން މިހާރަށް ސަމާލުކަން ދޭށެވެ. ވަގުތު ފާއިތުވުމުގެ ކުރިންނެވެ.