Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ފިހާރަކަށް ވަގަށް ނެގި ތަކެތި ހޯދައި ހަވާލުކޮށްފި

ޅ. ނައިފަރު ފިހާރައެއް ފަޅާލައި ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފި އެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅިމައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން ޖޫން ހިންގި އޮޕަރޭޝަނުގައި އެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލު ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ފިހާރައިން ވަގަށް ނެގި ތަކެތީގެ ތެރޭގައި ސެންޓާއި އަތުކުރީ ގަޑި އާއި ޓެބްލެޓާއި މޮބައިލް ފޯނުގެ އިތުރުން ރަނާއި ރިހި ހިމެނެ އެވެ. އަދި ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ފައިސާ ވެސް ނަގާފައިވެ އެވެ.

ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ ތެރެއިން ބައެއް ތަކެތި ހޯދީ ނައިފަރު ގެއެއް ބަަލައި ފާސްކޮށް ކަމަށާއި ބާކީހުރި ތަކެތި ފެނުނީ ފަޅު ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު އަދި މީހަކު ހައްޔަރު ނުކުރި ނަމަވެސް މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.