Last Updated: June 20, 06:28
Friday, June 20, 2025
މުނިފޫހިފިލުވުން

ރަންވީރުގެ 'ދުރަންދާރު' ގެ ޓީޒާ އުފަން ދުވަހު

ބޮލީވުޑްގެ ތަރި، ރަންވީރު ސިންގްގެ އާ ފިލްމު "ދުރަންދާރު" ގެ ޓީޒާ އަންނަ މަހު ފާހަގަކުރާ އޭނަގެ އުފަން ދުވަހު އާންމު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާގެ އުފަން ދުވަހަކީ ޖުލައި 6 އެވެ. ރަންވީރަށް 40 އަހަރު ފުރޭ އިރު، އޭނަގެ އާ ފިލްމު "ދުރަންދާރު" ގެ ޝޫޓިންގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް ޕިންކްވިލާ އިން ބުންޏެވެ. މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމުގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު އަދި އެކްޓަރު ވިކީ ކޯޝަލް އަށް މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު އަދިތިޔާ ދާރް އެވެ.

އޭނަ އަކީ ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ އެވެ.

މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވޭ "ދުރަންދާރު" އަކީ ބޮޑު ކާސްޓެއް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ސަންޖޭ ދަތު، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް އަދި އާރް މާދްވަން ހިމެނެ އެވެ.

މީޑިއާތަކުން ބުނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ސްޕައި ތުރިލާއެއްގެ ގޮތުގައި ހަދާ ފިލްމަކީ ކުރީގެ ބޮޑުވަޒީރު މަންމޯސަން ސިންގުގެ ވެރިކަމުގައި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު އަދާކުރެއްވި އަޖިތު ކުމާރު ދޯވަލްގެ ދުވަސްވަރުގެ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެއް ކަމަށެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ރަންވީރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" އިންނެވެ.

"ދުރަންދާރު" ގެ މަސައްކަތް ނިންމައިލުމަށް ފަހު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަންވީރު، ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޑޮން 3" ގެ މަސައްކަތް ފަށާނެ އެވެ.