ޓޫރިސްޓުން އަތުން ޑޮލަރުން ނަގާ ސާވިސް ޗާޖު މުވައްޒަފުންނަށް ރުފިޔާއިން ދިނުމަކީ ގާނޫނީ ކުށެއް ކަމަށާއި އެއީ މުވައްޒަފުންނަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކުރުވުމާ ގުޅިގެން ޑޮލަރުގެ ތާށިކަމެއް އޮތް ކަމަށް ބުނެ ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމުން އެއީ ހައްގު ނިންމުމެއް ނޫން ކަމަށެވެ.
"ޓޫރިސްޓުންގެ އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން. އެހެން ކަމަށްޗާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާ އަށް ލިބިދޭން ޖެހޭނީ ޑޮލަރުން." މާމިގިލީގެ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެއެވެ.
އޭނަ ވިދާޅުވީ ރުފިޔާއިން ސާވިސް ޗާޖު ދިނުމަކީ މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
"ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތީން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް އަޅުގަނޑު ދެކެން." ގާސިމް އެވެ.
ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ގާސިމު ވިދާޅުވީ އޭނަ އަކީ އެތައް ހާސް މުވައްޒަފުންނެއް ގެންގުޅޭ އަދި ގިނަ ރިސޯޓްތަކެއް ވެސް ހިންގާ މީހެއް ކަމަށާއި އެކަމުގައި ދަތިތައް ހުއްޓަސް އެއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްގެއްކަމުން ސާވިސް ޗާޖު ރުފިޔާއިން ދިނުމަކީ މުވައްޒަފުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
ސާވިސް ޗާޖުގެ އިތުރުން ބައެއް ކުންފުނިތަކުން ޑޮލަރުން ދެމުން އައި މުސާރަ ރުފިޔާ އިން ދޭން ނިންމަމުން ދާކަން ފާހަގަކުރައްވާ އެކަމާ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.