Last Updated: June 21, 06:02
Saturday, June 21, 2025
ޚަބަރު

151،000 ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 151،000 ވުރެ ގިނަ ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ ނަގާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ ދައުލަތުގެ މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން 151،694 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެެއްކޮށްފައިވާ ކަމަށެވެ.

"ބިދޭސީން އައިޑެންޓިފައި ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ފުރަތަމަ މަސައްކަތް މި އޮޕަރޭޝަންގައި. ދެވަނަ ކަމަކީ ޤާނޫނު ބައްޓަން ކުރުން،" އިހްސާން ވިދާޅުވ އެވެެ. "އޭގެ ތެރޭގައި ބިދޭސީންނާއި ދޭތެރޭ އިހުމާލުވާ ފަރާތްތަކާ ދެތެރޭ ހަރުކަށި ފިޔަވަޅު އެޅުމާއި، ޖޫރިމާނާ ކުރުމާއި، ފައިސާ ނުދައްކާ ތިބޭ ފަރާތްތަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނޭ."

ބިދޭސީން ރާޢްޖެ ގެނެސް އެ މީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ޤަވާއިދާ ޚިލާފަށް އުޅުނު ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަދެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރަނގި" ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅު ވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ހޯމްލޭންށް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެންނެވެ.

މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަނެކެވެ.