Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

'ކުރަނގި' އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި ޖުލައިގައި ފަށަނީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފަށާފައި އޮތް "ކުރަނގި" އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އަންނަ މަހު ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙުސާން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ ދެވަނަ ފިޔަވަހި ފެށުމަށް ނިންމާފައި އޮތީ އަންނަ މަހުގެ 1 ގައި ކަމަށެވެ.

"ކުރަނގި" އޮޕަރޭޝަންގެ ފުރަތަމަ ފޭހަކީ ބިދޭސީ މަސައްކަތްތެރިންގެ ބައީމެޓްރިކް ޑޭޓާ ނެގުމެވެ. އެގޮތުން މިދިޔަ އަހަރު މެއި މަހުގެ ކުރީކޮޅު ފެށި އެ ފޭހުގެ ދަށުން މިހާތަނަށް 151،694 ބިދޭސިންގެ ބައޯމެޓްރިކްސް ނަގާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ކުރިއަށް ފެންދާނީ ގަވާއިދުތަކާ ވަޒީފާ އަދާކުރާ މީހުންނަށް ޤަވައިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުޞަތެއް ފަހިކޮށް ދިނުމުގެ މަސައްކަތެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބިދޭސީން ގެންނަ މީހުން ދަޢުލަތަށް ދައްކަން ޖެހޭ ފީތައް ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އިހުސާން ވިދާޅުވީ ބިދޭސިން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓްކުރާ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްތަކަށް ބިދޭސީން ގެންނަ ޤައުމުތަކާ ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

"އެމްބަސީތައް މެދުވެރިކޮށް ބަލާނަން، ބިދޭސިން ރެކްރޫޓްކުރާ އެޖެންސީތަކަކީ ކޮބާއިތޯ، އެއީ ރެޖިސްޓްރީކުރެވިގެން ހިންގާ އެޖެންސީތައްކަން ޔަގީން ކުރާނަން،" އޭނަ ވިދާޅުވި އެވެ. "ރާއްޖޭގެ ސިސްޓަމްގައި ވެސް ރެޖިސްޓްރީކޮށްގެން ކުރެވޭނެ."

ސަރުކާރުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.