Last Updated: June 21, 06:02
Saturday, June 21, 2025
މުނިފޫހިފިލުވުން

އަޖޭގެ 'ސަން އޮފް ސަރުދާރު 2' ޖުލައިގައި

އަޖޭ ދޭވްގަންގެ "ސަން އޮފް ސަރުދާރު 2" އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ އޭނަގެ 2012 ގެ ކާމިޔާބު ފިލްމިު "ސަން އޮފް ސަރުދާރު" ގެ ދެވަނަ ބައެވެ.

ނަމަވެސް އާ ފިލްމު ޑައިރެކްޓްކުރީ ވިޖޭ ކުމާރު އަރޯރާ އެވެ. ކުރީގެ ފިލްމު ޑައިރެކްޓްކުރީ އަޝްވިނީ ދީރް އެވެ. އެ ފިލްމުގައި ސޮނާކްޝީ ސިންހާ އާއި ޖޫހީ ޗާވްލާ ވެސް މުހިއްމު ރޯލުތަކެއް ކުޅުނު ނަމަވެސް "ސަން އޮފް ސަރުކާރު 2" ގައި އެ ތަރިންނެއް ނުހިމެނެ އެވެ.

އާ ފިލްމުގެ ލީޑް ބަތަލާ އަކީ އަޖޭއާ އެކު އަލަށް މަސައްކަތްކުރި މުރްނާލް ތާކޫރެވެ. އަދި "ސަން އޮފް ސަރުދާރު 2" އިން ވެސް ކުރީގެ ބައިގައި ހިމެނޭ ބައެއް އެކްޓަރުން ފެންނާނެ އެވެ. އޭގެ ތެރޭގައި ސަންޖޭ ދަތު، ވިންދޫ ދާރާ ސިންގް އަދި ދާދި ފަހުން މަރުވި އެކްޓަރު މުކުލް ދޭވް ހިމެނެ އެވެ.

އިނގިރޭސިވިލާތުގައި ވެސް ގިނަ މަންޒަރުތަކެއް ނަގާފައިވާ "ސަން އޮފް ސަރުދާރު 2" ގެ ކާސްޓްގައި ކުބްރާއި ސައިތާއި ރަވީ ކިޝަން އަދި ސަންޖޭ މިޝްރާ ވެސް ހިމެނެ އެވެ.

މި ފިލްމަކީ މި އަހަރު ރިލީޒްކުރާ އަޖޭގެ ތިން ވަނަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި "ރެއިޑް 2" އެވެ. މި އަހަރު ރިލީޒްވި އަޖޭގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "އާޒާދު" އެވެ.

އަޖޭގެ 2019 ގެ "ދޭ ދޭ ޕިޔާރު ދޭ" ގެ ސީކްއެލް ވެސް މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވެ އެވެ.