އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނޭ ގޮތަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އެނބުރި އައުމަށް ނިންމާފައިވާތީ އެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އެ މަނިކުފާނު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
"އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަޞްލަޙަތު އަބަދުވެސް އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިނގާ." ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ޕޯސްޓްގައި އެމްޑީޕީގެ ހުރިހާ މެންބަރުން އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ފާހަގަކޔުރައްވައި ދެއްވި އިންޓަވިއުއްގެ ވީޑިއޯ ކްލިޕެއް ވެސް ހިއްސާކޮށްފައިވެ އެވެ. އޭގައި ސޯލިހް ވިދާޅުވެފައ ވަނީ އެމްޑީޕީ އަކީ އެންމެންގެ ޕާޓީއެއް ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ މެމްބަރުން @MDPSecretariat އާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވަން. އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަޞްލަޙަތު އަބަދުވެސް އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިގާށެވެ.… pic.twitter.com/KWPeFBiyza
— Ibrahim Mohamed Solih (@ibusolih) June 19, 2025
"އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީއެއް. އެކީގައި ވަޑައިގަންނަވަންވީ ހަމަ. އެ ޒާތީ އޭރު އެހެރި މައްސަލަތައް އެކަހެރި ކުރެވޭނެ އިނގޭތޯ، އަޅުގަނޑާ ދޭތެރޭގައި ވެސް އެހުރި މައްސަލައެއް ވިޔަސް،" ސޯލިިހު ވިދާޅުވި އެވެ. "ގައުމަށާއި އަޅުގަނޑުމެން މިކުރި މަސައްކަތްތަކެއް އަދި ނިމުމަކަށް ނުދޭ އަޅުގަނޑުމެން އެ ދުވަހު ފެށި މަސައްކަތް."
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ 2023 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓަށް ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެވަައިގަތުމުން އުފެދުނު ނުތަނަވަސްކަމާ ގުޅިގެންނެވެ. އެގޮތުން ޕާޓީން ވަކިވެވަޑައިތީ ޖޫން 21، 2023 ގަ އެވެ.
އޭގެ ފަހުން އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވީ ޖުލައި 13، 2023 ގަ އެވެ.
އެ ޕާޓީ އުވާލައި އޭގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ.