މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާގެ ބޯޑަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލީ ހަތަރު މެންބަރެއްގެ ދައުރު ހަމަވާތީ އެވެ.
އެހެންވެ ބޯޑަށް ކުމަތިލާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ޓެކްސް، އިޤްތިޞާދު، މާލީ، އެކައުންޓިން، ވިޔަފާރި ނުވަތަ ގާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ.
އަދި ކުރިމަތިލާ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް އަދި ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީގަކަށް ވެސް ވެގެން ނުވާނެ އެވެ.