ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެ ގޮތުގާއި އެކަމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ބާއްވާ "މަގޭ ސާފު ރާއްޖެ" ގައުމީ މަހާސިންތާ މިއަދު ލޯންޗްކޮށްފި އެވެ.
މާދަމާ އިން ފެށިގެން މި މަހުގެ 23 އަށް ކުރިއަށް ގެންދަން ނިންމާފައިވާ މި މަހާސިންތާ އިފުތިތާހުކޮށް ދެއްވީ ތިމާވެއްޓާ ބެހޔޭ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
އެގޮތުން މަހާސިންތާގެ ރަސްމީ ބްރޭންޑިން އާއި ވެބްސައިޓް އަދި ސޯޝަލް މީޑިއާ ހޭންޑްލްތައް މިއަދު ލޯންޗްކުރި އެވެ. އަދި މަހާސިންތާ ރާވާ އިންތިޒާމްކުރުމުގެ މަސައްކަތް އިވެންޓް މޯލްޑިވްސްއާ ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.
ވޯލްޑް ބޭންކްގެ އެހީގެ ދަށުން ބާއްވާ "މަގޭ ސާފު ރާއްޖެ" ގައުމީ މަހާސިންތާ އަކީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން ކުނިމެނޭޖްކުރުމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޓޫރިޒަމް ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަހާސިންތާއެކެވެ.