ޑައިރެކްޓަރު އަޕޫރްވާ ލާކިއާއާ އެކު ސަލްމާން ޚާން މަަސަައްކަތްކުރަން ހަމަޖެހިފައިވާ ފުރަތަމަ ފިލްމުގެ ބަތަލާ އަކީ ޗިތުރަންގަދާ ސިންގް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ދެ ތަރިން މިހާތަނަށް އެކީގައި މަސައްކަތްކޮށްފައެއް ނުވެ އެވެ. ޗިތުރަންގަދާ އަކީ މިހާރު އިންޑިއާގެ ސިނަމާތަކިުގައި ދައްކަމުން އަންނަ "ހައުސްފުލް 5" ގެ ވެސް ރޯލެއް ކުޅެފައިވާ ބަތަލާއެކެވެ.
އުމުރުން 48 އަހަރުގެ ބަތަލާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދޭސީ ބޯއިޒް"، "ސޫރްމާ" އަދި "ސާހިބު ބީވީ އޯރް ގޭންގްސްޓާ 3" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ސަލްމާންގެ މި ހަނގުރާމަ ފިލްމުގެ ރޯލަކަށް ސާގިބް ސަލީމް ވެސް ސޮއިކޮށްފައިވެ އެވެ. އޭނަ ކުރިން ސަލްމާނާ އެކު "ރޭސް 3" ގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.
ނަން އަދި ސާފު ނުވާ މި ފިކްމަކީ ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ. އެ ފޮތް ބިނާކޮށްފައި އޮތީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށެވެ.
މީޑިއާތަކުން ބުނީ ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 70 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
އަޕޫރްވާ އަކީ "އޭކް އަޖުނަބީ" އާއި "ޝޫޓްއައުޓް އެޓް ލޯކަންދުވާލާ" އާއި "މިޝަން އިސްތަންބޫލް" އާއި "ޒަންޖީރު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ، އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "ހަސީނާ ޕަރްކާރް" އެވެ.