Last Updated: June 21, 09:38
Saturday, June 21, 2025
ދުނިޔެ

ވެއްޓުނު ބޯޓްގެ ދެ އިިންޖީނު ވެސް ރަނގަޅު

މީގެ ހަފުތާއެއްގެ ކުރިން ވެއްޓި ގިނަ އަދަދެއްގެ ބަޔަކު މަރުވި އެއާ އިންޑިއާގެ ބޯޓްގެ ދެ އިންޖީނު ވެސް ރަނގަޅު ކަމަށާއި އިންޖީނުތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެ އެއާލައިންގެ ޗެއާމަން އެން ޗަންދުރަސޭކަރަން ވިދާޅުވެއްޖެ އެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އޭނަ ވިދާޅުވީ ބޯޓްގެ ދެ އިންޖީނުގެ ތެރެއިން ބޯޓްގެ ކަނާތް ފަޅީގެ އިންޖީނަކީ މިދިޔަ މާޗް މަހުގައި އެޅުވި މުޅިން އާ އިންޖީނެއް ކަމަށެވެ. އަދި އަނެއް ފަޅީގައި އިންޖީނު އެންމެ ފަހުން ސާވިސްކުރީ 2023 ގައި ކަމަށް ވިދާޅުވި އެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭގެ މެއިންޓަނަންސް ޗެކެއް ތާވަލުކޮށްފައި އޮތް ކަމަށް ވެސް ޗެއާމަން ވިދާޅުވި އެވެ.

"ބޯޓްގެ ދެ އިންޖީނަށް ބަލާ އިރު އެއްވެސް މައްސަލައެއް ކުރިއަކުން ވެސް ފާހަގަވެފައެއް ނެތް. ދޭތީގެ ވެސް ހާލަތު ހަމަ ވަރަށް ރަނގަޅު." ޗެއާމަން ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެއާ އިންޑިއާގެ ބޮއެން މަރުކާގެ 8-787 ޑްރީމްލައިނާ މަރުކާގެ ބޯޓް ވެއްޓުނީ ގުޖްރާތުގެ އަހުމަދުއާބާދުގެ އެއާޕޯޓުން ފުރިތާ ފަސް ވަރަކަށް މިނިޓް ފަހުންނެވެ. އިނގިރޭސިވިލާތުގެ ލަންޑަނަށް އެ ބޯޓް ދަތުރު ފެށީ ޖުމްލަ 242 މީހުންނާ އެކީގަ އެވެ. އެއީ 230 ޕަސިންޖަރުންނާއި 12 ފަޅުވެރިންނެވެ.

އެ ބޯޓް މީހުން، ދިރިއުޅޭ ސަރަހައްދެއްގެ އިމާރާތެއްގެ މައްޗަށް ވެއްޓި ބޯޓުން ދަތުރުކުރި އެކަކު ފިޔަވައި އެންމެން މަރުވި އިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު 270 އަށް އަރަ އެވެ.

ވެއްޓުނު ބޯޓްގެ ކަޅުފޮށި ވެސް ހޯދައި އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ބޯޓް ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި ނުހޯދެ އެވެ.

ނަމަވެސް ޗެއާމަންގެ ވާހަކަތަކަށް ހުރީ ބޯޓް ވެއްޓެން ދިމާވުމުގައި އިންޖީނުތަކުގެ މައްސަލައެއް ނެތް ކަމަށް ދޭހަވާ ގޮތަށެވެ.

އޭނަ ވދާޅުވީ މި ހާދިސާއާ ގުޅިގެން އެކި ފަރާތްތަކުން ތަފާތު ތިއަރީތައް ނެރމުންދާ ކަމަށާއި އެހެންވެ ހާދިސާގެ ވަރަށް ފުރިހަމަ ތަހުގީގަކަށް އުންމީދު ކުރެވޭ ކަމަށެވެ.

އެއާ އިންޑިއާގެ ބޯޓް ވެއްޓުނު ހާދިސާ އަކީ މި ފަހުގެ ތާރީހެއްގައި އިންޑިއާގެ އޭވިއޭޝަން ދާއިރާގައި ހިގި އެންމެ ހޮތާމަވެރި ހާދިސާ އެވެ.