އެމްޑީޕީ އަކީ އަބަދު ވެސް ހުރިހާ ވިސްނުމަކަށާއި ފިކުރުތަކަށް މަރުޙަބާ ކިޔާ ހިޔާލު ތަފާތުވުންތައް ހައްލު ކުރަން ދަންނަ ޕާޓީއެއް ކަމަށް އާދަމް އާޒިމް ވިދާޅުވެއްޖެ އެވެެ.
މާލޭގެ މޭޔަރުގެ މަގާމުހައި ހުންނެވި އާޒިމް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ އެމްޑީޕީ އަކީ ދިމާވާ ޚިޔާލުތަފާވުންތައް ޙައްލުކުރުމަށް، މަޝްވަރާ ކުރުން އިސްކުރާ ޕާޓީއެއް ކަމަށެވެ. އެެހެންވެ އެ ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދި މީހުން އަލުން އެމްޑީޕީ އަށް ގުޅެން ނިންމުމުން މަރުޙަބާ ދަންނަވާ ކަމަށް ވިދާޅުވި އެވެ.
"ކުރިން ވެސް އަދި މިހާރު ވެސް، އަޅުގަނޑުމެން އެންމެ އިސްކުރަން ޖެހޭ މަސްލަޙަތުތަކަކީ، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިންގެ މިނިވަންކަމާއި ޤައުމުގެ މަސްލަޙަތުތަކާއި އަދި ކާބަފައިން ވާރުތަ ކޮށްދެއްވާފައިވާ އާދަކާދަތަކަށް އިޙުތިރާމްކޮށް އަގުކުރުންކަމަށް ވާތީ، އަޅުގަނޑުމެން އެންމެން ގުޅިގެން މި ދެންނެވި މަޞްލަޙތުތައްކަށް އިސްކަން ދޭން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން." އޭނަ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނޭ ގޮތަށް ޑިމޮކްރެޓްސްގެ މެންބަރުން ގުޅެން ނިންމުން އެ ޕާޓީން ވަނީ އެކަމަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަކިވަކިން އެކަމަށް މަރުހަބާ ވިދާޅުވެފައިވެ އެވެ.