މާލޭގައި ހަދާ ފުރަތަމަ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ތެރޭގައި ނިމޭނޭ ކަމަށް ހެލްތު މިނިސްޓަރޫ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިއު ކުޑަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިއު ކުޑަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ލުއެއް ލިބިގެން ދާނީ މާލޭގައި އާންމު ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމުކުރާ ކްލިނިކުތަކުގެ ޚިދުމަތް ފެށުމުން ކަމަށެވެ.
"ކުރިއަށް އޮތް ދޮޅުމަހުގެ ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކުގެ މާލޭގައި ހެދޭނެ. އެއީ ކޮރެލް ބޮލެވާޑް ފާންނުގައި ހުރި އިމާރާތް. އިމާރާތުގެ މަސައްކަތް ނިމެނީ،" ނާޒިމު ވިދާޅުވި އެވެ. އިމާރާތް ނިމުމުން މަސައްކަތް ކުރާނެ ފަރާތްތައް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. އަދި ހަމަ ދެވަނަ ތަނެއްގެ މަސައްކަތް ވެސް ފެށޭނެ."
މިނިސްޓަރ ވިދާޅުވީ މާލޭގެ ހަތަރު ސަރަހައްދެއްގައި ޖީޕީ ކްލިނިކުތައް ޤާއިމުކުރާނެ ކަމަށެވެ. އަދި ހުޅުމާލެއާ އެކު ޖުމްލަ ހަ ކްލިނިކް ގާއިމު ކުރާނެ އެވެ.
"ތަފާސްހިސާބްތައް ދައްކާގޮތުން އައިޖީއެމްއެޗްގެ އިމަޖެންސީއަށް ދުވާލަކު ހަތަރު ސަތޭކަ އަށްވުރެ ގިނަ މީހުން ދޭ،" ނާޒިމު ވިދާޅުވި އެވެ. "އޭގެތެރެއިން ތިން ސަތޭކައެއްހާ މީހުންނަކީ ކޮންމެހެން އެމަޖެންސީއަށް ނުގޮސް ޖީޕީ ކްލިނިކެއްގެ ތެރެއިން ޚިދުމަތް ދެވިދާނެ ބައެއް."