އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން ޖަލްސާ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައި ނުދިން ކަމަށް އެ ޕާޓީގެ ޗެއާސަން ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.
ފައްޔާޒު ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ. އެގޮތުން މި ހަފުލާ ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް މިހާރު ގަސްތު ކުރަނީ އިތުރު ތަނެއް ހަމަނުޖެހިއްޖެ ނަމަ، މުލީއާގޭ ކަންމަތީގައި އަހަރީ ދުވަސް ފާހަގަ ކުރަން ކަމަށެވެ.
"ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް މި ޕާޓީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، މި ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ މި ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، މިހާރު ގަސްތު މިކުރަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި ބޭއްވުމަށްވެ." ފައްޔާޒު ވިދާޅުވިއެވެ.
އެހެންވެ އެ ރޭ 9:00 އަށް މުލިއާގޭ ކަންމައްޗަށް ޕާޓީގެ ވީހާ ވެސް ގިނަ މެންބަރުން ދިއުމަށް ދެއްވުމަށް ދައުވަތު ދެއްވި އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ސަރުކާރުގައި ސިޔާސީ ހަރަކާތް ހިންގުމަށް ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާ ކަމަށެވެ.
އޭނަ ވިދާޅުވީ، ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
އަދި ކުރިން ހުއްދަ ނެގުމަކާ ނުލައި މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދަށް އެކަނި ކަމަށާއި ނަމަވެސް އެކަން ބަދަލުކޮށް މިސަރުކާރުންވާނީ ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނަކީ ވެސް ކުރިން ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމަށް ހީނާ ވިދާޅުވި އެވެ.