Last Updated: June 21, 11:09
Saturday, June 21, 2025
މުނިފޫހިފިލުވުން

ޝާހްރުކްގެ 'ކިންގް' ގައި ޝީރަންގެ ލަވައެއް!

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގައި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ކިޔާފައިވާ ލަވައެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިފަދަ ވާހަކައެއް ދެކެވެން ފެށީ ދާދި ފަހުން ވީޑިއޯއަކުން ޝީރަންއާ އެކު ޝާހްރުކް ފެނުމާއި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްއާ އެކު ވެސް ޝީރަން ލަވައެއް ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެންނެވެ. އެހެންވެ މިކަން މަސްހުނިކޮށްލުމުން ގުޅެނީ ބޮލީވުޑްގެ ފިލްމަކަށް ޝީރަން ލަވައެއް ކިޔަން އުޅޭކަން ކަމަށާއި އެ ލަވަ ވާނީ ޝާހްރުކްގެ "ކިންގް" ގެ ލަވައަކަށް ކަމަށް މީޑިއާތަކުން ބުނެ އެވެ.

އަދި ޝީރަން ވެސް ވަނީ ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ކިޔަން އުޅޭ ކަމަށް ބުނެފަ އެވެ.

ޝީރަން އަކީ އިންޑިއާގެ ފަންނާނުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަންނާނެކެވެ. ހާއްސަކޮށް ބޮލީވުޑްގެ ތަރިންނާ އެވެ. ކުރިން ވެސް އިންޑިއާގައި ޝޯތަކެއް ދީފައިވާ ޝީރަން ދާދި ފަހުން ވެސް އިންޑިއާގައި ޝޯ ދީފައިވެ އެވެ.

ޝާހްރުކްގެ "ކިންގް" ގެ ލަވައަކުން ޝީރަންގެ އަޑު އިވިގެން ދާނެކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، ކުރިން ވެސް އޭނަގެ ފިލްމަކަށް ބޭރުގެ މަޝްހޫރު ފަންނާނަކު ލަވަކިޔާފައިވެ އެވެ. އެއީ 2011 ގެ ސުޕަހީރޯ ފިލްމު "ރާ.ވަން" އަށެވެ. އެ ފިލްމުގައި ހިމެނޭ "ޗައްމަކް ޗައްލޯ" ލަވަ އަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ އޭކަން ހިންދީ ބަހުން ކިޔާފައިވާ ވަރަށް މަޝްހޫރުވި ލަވައެކެވެ.

މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ފެށި ޝާހްރުކްގެ "ކިންގް" އަކީ އޭނަގެ 2023 ގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާއެކެވެ.

އަންނަ އަހަރުގެ އޮކްޓޯބަރުގައި ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވޭ މި ފިލްމުގެ ކާސްޓްގައި ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާނާއި ދީޕިކާ ޕަދްކޯނާއި އަނިލް ކަޕޫރާއި ރާނީ މުކަރްޖީ އާއި އަރުޝަދު ވަރްސީ އާއި އަބީޝެކް ބައްޗަނާއި ރާގަވް ޖުޔަލް އާއި ޖައިދީލް އަހުލުވާތާއި ޖެކީ ޝްރޮފާއި ސޯރަބް ޝުކްލާ އަދި އަބޭ ވަރުމާ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.