ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޯޑިނަރީ ކޮންގްރެސް މި މަހުގެ 27 ގައި ބާއްވަން ނިންމައިފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮންގްރެސްގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެފްއޭއެމްގެ 2023 އާއި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އިސްލާހުކޮށްފައިވާ އެފްއޭއެމްގެ ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމަށް ހުށަހެޅުމަށް ނިންމާފައިވެ އެވެ.
އާ ހިންގާ ގަވާއިދަކީ ކުލަބުތަކާ އޭއެފްސީ އަދި ފީފާގެ އެހީތެރިކަމާއެކު އެކުލަވާލު ގަވާއިދެކެވެ.
ކޮންގްރެސްގައި އެޖެންޑާކޮށްފައިވާ އިތުރު ކަންކަން:
* މި އަހަރުގެ ބަޖެޓް ފާސް ކުރުން
* 2025-2028 އަށް އޮޑިޓްކުރާނެ އޮޑިޓަރުން އައްޔަން ކުރުން
* އާ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުން
އެފްއޭއެމްގެ ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނަ އިރު، އިދާރާގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި ވެއްޓިފައިވާތީ ފީފާ އިން ވަނީ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ މިދިޔަ އޮގަސްޓް މަހު ހަވާލުކޮށްފަ އެވެ.
ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ އަށް އެ އިދާރާއިން ދިންއަހަރުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.