Last Updated: June 21, 11:09
Saturday, June 21, 2025
ޚަބަރު

މަރަދު އާއި މަރަދޫފޭދޫ ގޯއްޗަށް މުއްދަތު އިތުރުކޮށްފި

މަރަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ/ އަހުމަދު ފާރިސް

އައްޑޫ މަރަދު އާއި މަރަދޫފޭދޫން ދޫކުރަން ހުޅުވައިލު ގޯތިތަކަށް އެދި ހުށަހަޅަން ދިން މުއްދަތު އައްޑޫ ސިޓީ ކައުންސިލުން އިތުރުކޮށްފި އެވެ.

ކުރިން އޮތް ގޮތުން ދެ އަވަށުން ދޫކުރަން ނިންމި ގޯތިތަކަށް އެދުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 24 އަށެވެ. ނަމަވެސް މިހާރު އެ މުއްދަތު އަންނަ މަހުގެ 3 އާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ. ކައުންސިލުން ބުނީ އެގޮތަށް ނިންމީ ފޯމު ހުށަހެޅުމަށް ދިން މުއްދަތުގެ ތެރޭގައި ބޮޑު އީދު ބަންދު އައުމާއި ފޯމު ހުށަހަޅާ މީހުންގެ ޢަދަދު ގިނަވުމާއި އަދިވެސް ފޯމުލާން ގިނަ ބަޔަކު ތިބިކަން ފާހަގަކުރެވޭތީ އެ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މަރަދު އާއި މަރަދޫފޭދޫން ގޯއްޗަށް ހުޅުވައިލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެގޮތުން މަރަދޫން 175 ގޯތި އަދި މަރަދޫފޭދޫން 76 ގޯއްޗަށް ހުޅުވައިލި އެވެ. ދެ އަވަށުން ވެސް ދޫކުރަނީ 1،500 އަކަފޫޓްގެ ގޯއްޗެވެ. މި ގޯތިތައް ދޫކުރާނީ ދެ އަވަށުން އަލަށް ހިއްކާފައިވާ ބިންތަކުންނެވެ.

މަރަދު އާއި މަރަދޫފޭދޫން ގޯތި ދޫކުރަން ހުޅުވައިލި އިރު 2023 ގައި އައްޑޫގެ އިތުރު ހަތަރު އަވަށަކުން ވެސް 1،000 ގޯތި ދޫކޮށްފައިވެ އެވެ. އެއީ ހިތަދޫން 500، ފޭދޫން 300، ހުޅުދޫން 100 އަދި މީދޫން 100 ގޯއްޗެވެ.

ހުޅުދު އާއި މީދޫން 2،000 އަކަފޫޓްގެ ގޯތި ދޫކުރި އިރު، ހިތަދު އާއި ފޭދޫން ދޫކުރީ 1،500 އަކަފޫޓްގެ ގޯއްޗެވެ.