ބާ ކައުންސިލުގެ ނައިބު ރައީސަކަށް އިބްރާހީމް ޝަމީލް އިންތިހާބުކޮށްފި އެވެ.
އޭނަ އެ މަގާމަށް އިންތިހާބުވީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގައި 291 ވޯޓު ހޯދައިގެންނެވެ. ޝަމީލާ ވާދަކުރި މަޢާޝާ ލުޠުފީ އަށް ލިބުނީ 216 ވޯޓެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ދެ ބޭފުޅަކު އިންތިޚާބުކޮށްފައިވެ އެވެ. އެއީ ށ. މަރޮށި، ސީނާ، ޢަބްދުﷲ ނާހިދާއި އަދި ހއ. އިހަވަންދޫ، އުދަރެސް، އަޙްމަދު ޝާފިޢު އެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ޖުމުލަ 1،086 މެންބަރުންނެވެ. ނައިބު ރައީސް ހޮވުމަށް ނެގި ވޯޓުގައި 507 މެންބަރުން ވޯޓު ދީފައިވާ އިރު، ވޯޓުނުލާ 579 މެންބަރުން ތިއްބެވެ. އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ނެގި ވޯޓުގައި ބައިވެރިވީ 483 މެންބަރުން ބައިވެރިވި އިރު، 603 މެންބަރުން ވޯޓުނުލާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.