Last Updated: June 22, 06:19
Sunday, June 22, 2025
ޚަބަރު

އެމްޑީޕީގެ ޖަލްސާ ބާއްވަން ސަލްޓަން ޕާކް ދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅުމާއި އެ ޕާޓީ އަށް 20 އަހަރު ފުރުން ފާހަގަކުރަން މި މަހުގެ 23 ގައި ބާއްވަން ނިންމި ޖަލްސާ ސަލްޓަން ޕާކްގައި ބާއްވަން އެތަން ސަރުކާރުން ހަމަޖައްސައި ދީފި އެވެ.

އެގޮތަށް ހަމަޖައްސައި ދިނީ ޖަލްސާ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައި ނުދީ ހަރަކާތަށް ހުރަސް އަޅާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނިކޮށެވެ. އޭނަ ވިދާޅުވީ އެކަމާ ހެދި ޖަލްސާ ބާއްވާނީ ރައީސް ޑރ. މުހައްމަދު އުޅުއްވާ މުލިއާގޭގެ ކަންމަތީގައި ކަމަށެވެ.

ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުއްތަލިބް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ހަރަކާތަށް ސަލްޓަން ބޭނުން ކުރެވޭނެ ކަމަށެވެ. އޭނަ ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން މިމިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައި ނުވާ ކަމަށެވެ. އަދި އެތަން ކުއްޔަށް ދިނުމަށް އުޞޫލެއް ކަޑައަޅާފައި ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމާފައި." މިނިސްޓަރު ވިދާޅުވި އެވެ.