Last Updated: July 8, 11:57
Tuesday, July 8, 2025
ޚަބަރު

ހޯޕް އައިލޭންޑް' ހަދަން 4 ފަރާތެއްގެ ޝައުގު'

"ހޯޕް އައިލެންޑް" އާއި ސެންޓްރަލް ޖަލު ތަރައްގީކޮށްދޭން ހަތަރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅިުވީ އެ ހަތަރު ފަރާތަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ދީފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ހިމެނޭ އެމެރިކާގެ ކުންފުންޏެއް ޗައިނާގެ ކުންފުންޏަކާއި ދިވެހި ކުންފުންޏަކާއި، މެލޭޝިއާގެ ކުންފުންޏެއް ވެސް." އޭނަ ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުން އެންމެ ރަނގަޅު ކުންފުނި ކަނޑައަޅައި، އަންނަ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ސެންޓްރަލް ޖަލު ގާއިމުކުރުމުން ޖަލުތަކަށް މިހާރު ކުރާ ހަރަދުގެ 40 ޕަސެންޓް ހަރަދު ކުޑަކުރެވޭނެ ކަމަށް މިިސްޓަރު ވިދާޅުވި އެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ހޯޕް އައިލެންޑް ވާނީ އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ތަނަކަށެވެ.

އެ ތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރުވުމުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތަށް ވެއްދުން އަދި ވަކި މުއްދަތަކަށް ފަހު އެ ކުދިން ބޭނުންވާ ދާއިރާއަކަށް ނިކުތުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

ކުށްތަކަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށް ދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމަށް އުތުރު ތިލަފަޅުގައި އަޅަން ނިންމާފައިވާ ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު އަޅައިދޭނެ ބަޔަކު ހޯދަން ހޯމްލޭންޑް މިނިސްޓްރީން ހުޅުވައިލީ އެޕްރީލް މަހުގެ ތެރޭގަ އެވެ.