ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި، ގޯވިންދާގެ މުޅިން އާ ލުކެއް ދައްކާލައިފި އެވެ.
އުމުރުން މިހާރު 61 އަހަރުގެ އެކްޓަރު އިއްޔެ އިިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއެއްގައި ފެންނަނީ މަތިމަހަކާ އެކީގަ އެވެ. އެ ފޮޓޯގެ ކެޕްޝަނަކަށް ޖަހާފައި އިނީ "ހީރޯ ނަމްބަރު 1" އެވެ. އެ ނަމުގައި 1997 ގައި ގެނެސްދީފައިވާ ފިލްމަކީ ގޯވިންދާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.
ގޯވިންދާގެ އާ ލުކެއް ދައްކައިލި ނަމަވެސް އޭނަގެ އެއްވެސް ފިލްމެއް ބެލުންތެރިންނާ ހަމައަކަށް އަންނާކަށް ނެތެވެ. ކެރިއަރު ވަރަށް ބޮޑަށް އަޑިއަޅާލައި، ފުރުސަތުތައް ލިބުން ހުއްޓިފައިވާ އެކްޓަރު ހުންނަނީ އެކަމާ ހެދި ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކާ މެދު ހިތްހަމަ ވެސް ނުޖެހިފަ އެވެ.
ނަމަވެސް ކޮމެޑީ ރޯލުތަކާއި ނެށުމަށް ވަރަށް މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ގޯދިންދާ ވަރަށް ފަހުން ނެޓްފްލިކްސްގެ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރުމާ" ޝޯގައި ބައިވެރިވެ، ތިން ފިލްމަކުން އޭނަ އަށް ފުރުސަތު ލިބިފައި އޮތް ވާހަކަ ބުނެފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ފިލްމަކާ ބެހޭ ތަފުސީލެއް ނުދެ އެވެ.
އަށްޑިހައިގެ ތެރޭގައި ބޮލީވުޑަށް ނުކުމެ، 90 ގެ ތެރޭގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނެނު ގޯވިންދާގެ ކެރިއަރުގައި ކާމިޔާބު ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ފްލޮޕް ބޯޑު އަޅުވަން ޖެހުނު 2019 ގެ "ރަންގީލާ ރާޖާ" އެވެ.
މި ފަހުން ގޯވިންދާގެ ވާހަކަ މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވުނީ އޭނަ އާއި އަންހެނުން ސުނީތާ އަހޫޖާ ވަރިވާން ނިންމާފައިވާ ކަމަށް ބުނެ އެރި އަޑުތަކާ ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގޯދިންދާގެ ފިރިހެން ދަރިފުޅު ޔާޝްވަރްދަން އަހޫޖާ މި އަހަރު ބޮލީވުޑަށް ތައާރަފުވާނެ އެވެ.