ސަތޭކަ އަށް ވުރެ ގިނަ ދަރިން އެބަތިބި ކަމަށާއި އޭނަގެ މިލްކިއްޔާތު އެ ހުރިހާ ދަރިންގެ މެދުގައި ބަހާނެ ކަމަށް ޓެލެގްރާމްގެ ސީއީއޯ ޕަވެލް ޑްރޯވް ވިދާޅުވެއްޖެ އެވެ.
ފްރާންސްގެ މަޖައްލާއެއް ކަމަށްވާ "ލެ ޕޮއިންޓް" އަށް ދެއްވި އިންޓަވިއުއެއްގައި 40 އަހަރުގެ ބިލިއަނަރު ވިދާޅުވީ އޭނަގެ ދަރިން 12 ގައުމެއްގައި އެބަތިބި ކަމަށެވެ. އަދި އެއީ މީގެ 15 އަހަރު ކުރިން ފެށިގެން ދަރިފަނި ހަދިޔާ ކުރަން ފެށުމާ ގުޅިގެން، އޭނަގެ ފަރާތުން އުފަންވި ކުދިން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް "ރަސްމީކޮށް ބައްޕައެެއްގެ ގޮތުގައި" ޕަވެލްގެ ތިބީ ހަ ދަރިންނެވެ. އެއީ ތިން ބަނޑަކަށް ލިބުނު ދަރިންނެވެ.
"ދަރިފަނި ޑޮނޭޓްކުރަން ފެށި ފަހުން އޭގެ އެހީގައި އުފަންވި ކުދިންނާ އެކު، ދަރިންގެ އަދަދު މިހާރު ސަތޭކަ އަށް ވުރެ ގިނަ،" ޑްރޯވް ވިދާޅުވި އެވެ. "އަހަރެން ގަބޫލު ކުރަނީ އެއީ ހަމަ އަހަރެންގެ އަމިއްލަ ދަރިން ކަމަށް. އެހެންވީމަ އަހަރެންގެ ފަރާތުން ލިބެންވާ ހުރިހާ ހައްގެއް އެ ހުރިހާ ކުދިންނަށް ވެސް ލިބޭނެ. އެއީ އަހަރެންގެ ވަސިއްޔަތެއް ވެސް މެ."
ރަޝިއާ އާއި ފްރާންސާއި ޔޫއޭއީގެ އިތުރިން ސެއިންޓް ކިޓިސް އެންޑް ނެވިސްގެ ރަށްވެހިކަން އޮންނަ ޑްރޯވްގެ މިލްކިއްޔާތު މިހާރު 13.9 ބިލިއަން ޑޮލަރަށް އަރަ އެވެ.
ޑްރޯވްގެ ޓެލެގްރާމަކީ މިހާރު އެންމެ މަގުބޫލު އެއް ސޯޝަލް ޕްލެޓްފޯމެވެ. ދެހާސް ތޭރައިގައި އެ ވުޖޫދަށް ގެނައީ އޭނަ އާއި ބޭނެ ނިކޮލާއީ ޑްރޯވް ގުޅިގެންނެވެ.