އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީން ޕާޓީ އަށް ލިބުނު ހިތްދަތިކަން މިހާރު މާޒީވެއްޖެ ކަމަށާއި ކުރިއަށް މިހާރު އަނެއްކާ ވެސް އެންމެ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރޭ ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެ ނާކާމިޔާބީގެ އެއް ސަބަބަކީ ރިޔާސީ އިންތިޚާބާ ދިމާކޮށް ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަތައް ކަމަށެވެ. ނަމަވެސް މިހާރު މިއީ އެ މާޒީ ދޫކޮށްލުމަށް ފަހު ކުރިއަށްދާންވީ ވަގުތު ކަމަށް ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމުމަކީ އިސްލާހަށް މަސައްކަތްކުރާ އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތަޖުރިބާކުރި ތަޖުރިބާކުރުމަކީ ހިތްދަތިވި ކަންތައްތަކެކޭ، އެހެން ނަމަވެސް އަޅުގަނޑުމެން އެއްވެސް މީހަކު، އެއްވެސް ބޭފުޅަކު، މާޒީގެ އަޅަކަށް ވެވަޑައިނުގަންނަވާށޭ،" ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެން އޭގައި [މާޒީގައި] ބަގުޑި ބައްދައިގެން ލިބޭނޭ އެއްވެސް ހެވެއް ނެތް."
އޭނަ ވިދާޅުވީ މިއީ އެންމެން ގުޅިގެން އެއް ބައެއްގެ ގޮތުގައި މަސައްކަތްކޮށް، މިހާރުގެ ސަރުކާރު ބަދަލު ކުރަން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި، އެ ސަރުކާރު ބަދަލުކުރަން ކޮންމެ ފޯމިއުލާއެއް ވެސް ބޭނުން ކުރަން އެމްޑީޕީ ތައްޔާރު ކަމަށެވެ.
ނަޝީދާއި ޑިމޮކްޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ބާއްވާ ޖަލްސާ މި މަހުގެ 23 ގައި ބާއްވަން އެމްޑީޕީން އޮތީ ނިންމައިފަ އެވެ.