ރާއްޖޭގެ ތާރީޚީ އާސާރީ ބައެއް ބިނާތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޔާނިޢު ހާޝިމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
މި އެއްބަސްވުމުގެ ދަށުން، ވެމްކޯ އިން ޚިދުމަތްދޭ ރަށްރަށުގައި، ފަސޭހައިން ވާސިލުވެވޭ ގޮތަށް ހުރި އާސާރީ ތަންތަނުގެ ސާފުތާހިރުކަން އެ ކުންފުނިން ބަލަހައްޓާނެ އެވެ. އެގޮތުން އެފަދަ ތަންތަން ކޮންމެ ތިން މަހަކުން އެއްމަހު ވެމްކޯ އިން ބަލައި ވެކިއުމްކޮށް، ތަނުގެ ސާފުކަމާއި ޒީނަތްތެރިކަމަށް ބޭނުންވާ ޚިދުމަތްތައް ދެމުން ދާނެ އެވެ.
ވެމްކޯގެ މި ހިދުމަތް ފުޅާވަމުން އަންނަ އިރު، ސަރުކާރުގެ ބައެއް އޮފީސްތަކާއު ބައެއް މުއްސަސާތަކަށް ވެސް އަންނަނީ ދެމުންނެވެ. "ހޮބާ" ގެ ނަމުގައި ވެމްކޯ އިން ފޮޅައި ސާފު ކުރުމުގެ ހިދުމަތް ރަސްމީކޮށް ދޭން ފެށީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.