ދިވެހި ކެޑޭޓް ޕައިލެޓުންނަށް ވަޒީފާގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އޭނަ ވިދާޅުވީ މި މައްސަލައަކީ ސިޔާސީ ގޮތުން ވެސް ނަގަން ނުވާނެ ވަރުގެ މުހިންމު މައްސަލައެއް ކަމަށެވެ. އަމީން ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ކުރިއެރުން 7 ޕަސެންޓްގައި ގައި ހުރި އިރު، ފާއިތުވި ފަސްއަހަރުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު 20-25 އަށް ވުރެ ގިނަ ކެޑޭޓް ޕައިލެޓުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވިފައި ވަނީ ހަމައެކަނި މޯލްޑިވިއަނާއި ޓީއެމްއޭ ފަދަ މަދު އެއާލައިންތަކަކުން ކަމަށެވެ.
"އެއްވެސް އެއާލައިނެއް ހަމައެކަނި ކެޑޭޓް ޕައިލެޓުން ލައިގެން އޮޕަރޭޓް ނުކުރެވޭނެ." ކުރިން ޕައިލެޓަކަށް އުޅުއްވި އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭގައި 500 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕައިލެޓް ޓްރެއިނިންް އަށް ސްކޮލަޝިޕް ދީފައިވާ ކަމަށާއި އެއީ ގައުމަށް ބޭނުންވާ ވަރަށް ވުރެ އިތުރު އަދަދެއް ކަމަށެވެ. އަމީން އިތުރަށް ވިދާޅުވި ގޮތުގައި ވަޒީފާ ނުލިބޭ ދިވެހި ޕައިލެޓުންގެ މައްސަލަ ހައްލު ކުރަން ކުރެވޭ މަސައްކަތުގެ ތެރެއިން މިހާރު ރާއްޖޭގައި ކެޑޭޓް ޕައިލެޓުންގެ ވަޒީފާ ބިދޭސީންނަށް ނުދޭ ކަމަށެވެ.
"މިވަގުތު އިތުރު ޕައިލެޓް ޓްރެއިނިން އަށް ފުރުސަތުތައް ހުޅުވާނެ ކަމަކަށް ޤަބޫލެއް ނުކުރަން. އެހެން ނަމަވެސް، ކުރިން ފުރުސަތު ލިބިފައިވާ ދަރިވަރުންނަށް އެއްވެސް ހުރަހެއް ނާޅާނަން," އަމީން ވިދާޅުވި އެވެ.