ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ޔޯގާ ޑޭ ފާހަގަކޮށްފި އެވެ.
އެ ދުވަސް ކޮންމެ އަހަރެއްގައި ފާހަގަކުރަމުން އަންނަނީ ޖޫން 21 ގަ އެވެ.
އެ ދުވަސް މިއަދު ފާހަގަކުރަން އިންޑިއާ އެމްބަސީން ބޭއްވި އިވެންޓް އޮތީ އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގަމުން އަންނަ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ. އެ އިވެންޓްގައި ޔޯގާ އަށް ލޯބިކުރާ 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
އިންޑިއާ އެމްބަސީން ބުނީ ޔޯގާ ޑޭ ފާހަގަކުރަންް ބޭއްވި އިވެންޓްގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރު ބައިވެރިވަވަޑައިގަތް ކަމަށެވެ.
ޔޯގާ އަކީ އިންޑިއާގެ ހިންދޫން ވަރަށް ބޮޑަށް ޕްރޮމޯޓްކުރާ ކަމެކެވެ.
ނަމަވެސް މިކަމަކީ މުސްލިމުން ފާހަގަކުރަން ނުޖެހޭ އަދި ދީނާ ފުށުއަރާ ކަމެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެ އެވެ. ދެހާސް ބާވީހުގައި ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކުރަން އިންޑިއާ އެމްބަސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި އިވެންޓާ ދެކޮޅަށް ބަޔަކު ނުކުމެފައިވެ އެވެ. އެކަމާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގައި، ރާއްޖޭގެ ދީނީ އިލްމުވެރިންތަކަަށް ދައުވާ ވެސް ކުރި އެވެ.
އެގޮތުން ދެ ޝެއިހަކަށް ކުރި ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ މިދިޔަ ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.