Last Updated: June 23, 09:53
Monday, June 23, 2025
ޚަބަރު

ތައުލީމަށް ކުރާ ހޭދައާ އެއްވަރުގެ ނަތީޖާއެއް ނެތް

ސަރުކާރުން ތައުލީމަށް ކުރާ ހޭދައާ އެއްވަރަށް ނާތީޖާ ހާސިލް ނުކުރެވޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ދެހާސް ތޭވީހާއި 2024 ގައި އޭ އެލެވް އާއި އޯ ލެވެލް އިން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ހާއްސަަކޮށްގެން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި 'މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދައުލަތުން ތައުލީމަށް ހަތަރު ބިލިއަން ރުފިޔާ ހޭދަކުރާ އިރު ނަތީޖާ އެދެވޭ ވަރަށް ވުރެ ދަށް ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ސާނަވީ ތައުލީމުގެ ހާލަތު ވިދާޅުވެދެއްވަމުން މިނިސްޓަރު ވިދާޅުވީ 2013 ގެ ނަތީޖާ އާއި 2014 ވަނަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރުު ވެސް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 50 ޕަސެންޓަށް ފަސް މާއްދާއިން 'ސީ' ފާސް ވެސް ހާސިލު ނުކުރެވުނު ކަމަށެވެ. އަދި 2023 އާއި 2024 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއިން އަޅުގަނޑުމެންނަށް މި އިނގެނީ ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަ ކުރަމުންދާއިރުއަދި އަޅުގަނޑުމެންގެ ހީވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވާދިނުމަށް ވަގުތު ހޭދަކުރަމުން ގެންދަވާއިރުުގައި، އަދި ބެލެނިވެރިން ކުރާ މަސައްކަތާއެކުގައި، މިހުރިހާ މަސައްކަތެއް ގުޅިގެން ވެސް އަޅުގަނޑުމެން އެންމެ ދާން ބޭނުންވާ މަންޒިލަށް އަޅުގަނޑުމެންނަށް ވާސިލުނުވެވެޔޭ" ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޯ ލެވެލް އިމްތިހާނުން ގަދަ 10 އަށް ހޮވޭ ދަރިވަރުންގެ ޕަސެންޓް، އަދި އޭގެ ތެރެއިން އޭ ލެވެލް އިމްތިހާނުން ގަދަ 10 އަށް ހޮވޭ ޕަސެންޓް ދަށްވަމުންދާ ކަމަށާއި މިއީ ކަންބޮޑުވުމެއް ކަމަށެވެ.

"މި އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ އޯލެވެލް ބެޗުގައި 840 އަށް ވުރެ ގިނަ ދަރިވަރުން ޓޮޕްޓެން ހާސިލުކުރި،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެން ނަމަވެސް ނަތީޖާއަށް ބަލާއިރު އަޅުގަނޑުމެންނަށް ފާހަގަވީ 840 އަށް ވުރެ ގިނަ ދަރިވަރުންގެ ތެރެއިން ފަސްދޮޅަސް ހަތަރު ދަރިވަރުން އޭލެވެލްއާ ހަމަޔަށް ދާއިރުގައި އޭލެވެލްގެ ޓޮޕް 10 އަކަށް ރީޗެއް ނުވެވޭ އޯލެވެލް ޓޮޕް 10 ގެ ދަރިވަރުންގެ ތެރެއިން އޭ ލެވެލްގެ ތެރެއަށް ވަދެގެން މިދަނީ ތިރީސް ހަ ޕަސެންޓް ދަރިވަރުން."

މިނިސްޓަރ ވިދާޅުވީ ސާނަވީ ނަތީޖާ ދަށްވާ ސަބަބަކީ ޕްރައިމަރީ ގްރޭޑުތަކުގައި ލިބޭ ނަތީޖާ ދަށްވުން ކަމަށެވެ. އެގޮތުން އިނގިރޭސި އާއި ހިސާބާއި ދިވެހި ފަދަ މާއްދާތަކުން ދަރިވަރުންނަށް އެކަށީގެންވާ ނަތީޖާ ހާސިލު ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

އެހެންވެ މި މައްސަލަ ހައްލުކުރަން ޓީޗަރުން އަދި ޕްރިންސިޕަލުންނަށް ބޭރުން ތަމްރީނުގެ ފުރުސަތުތައް ހޯދައި ދިނުމުގެ އިތުރުން ކިޔަވައިދޭ ކަރިކިއުލަމަށް ވެސް ބަދަލު ގެންނަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.