އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއާ އަލުން ގުޅިވަޑައިގަންނަވާ ޖަލްސާ ސަލްޓަން ޕާކްގައި ބާއްވާނެކަން އެމްޑީޕީން މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އަންނަ ހޯމަ ދުވަހުގެ ރޭ އެ ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ 9:00 ގަ އެވެ.
މި ޖަލްސާ އަކީ ނަޝީދާ އެކު ދަ ޑިމޮކްރެކްޓްސްގެ މެންބަރުން އެމްޑީޕީއާ އަލަށް ގުޅުމާއި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެން ބާއްވާ ހާއްސަ ޖަލްސާއެކެވެ.
މި ޖަލްސާ ސަލްޓަން ޕާކްގައި އޮންނާނެކަން އެމްޑީޕީން މިއަދު މި އިއުލާންކުރީ ޖަލްސާ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައި ނުދީ ހުރަސް އަޅާ ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނިކޮށް، ސަލްޓަން ޕާކްގައި ޖަލްސާ ބާއްވަން ހުއްދަ ދީފައިވާކަން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވުމާ ގުޅިގެންނެވެ.
އެމްޑީޕީން މި ޖަލްސާ ބާއްވަން ނިންމާފައި އޮތީ ރައީސް ޑރ. މުހައްމަދު ދިރިއުޅުއްވާ މުލިއާގޭގެ ކަންމަތީގަ އެވެ.