އިންޑިއާގެ މަޝްހޫރު ތެލެގޫ އެކްޓަރު ވަރޫން ތޭޖް އަންހެނުންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މި ދަތުރުގެ ވީޑިއޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކުރި ނަމަވެސް އެ މީހުން ތިބި ރިސޯޓެއް ސާފެއް ނުވެ އެވެ. ވަރޫން އާއި ބަތަލާ ލަވަންޔާ ޓްރިޕަތީ ކައިވެނިކުރީ 2023 ގަ އެވެ. އެ މީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ވަރޫން، 35. އަކީ ނުފޫޒު ގަދަ ފިލްމީ އާއިލާއަކަށް ނިސްބަތްވާ އެކްޓަރެކެވެ. އެގޮތުން އޭނަ ނިސްބަތްވަނީ "އާރްއާރްއާރް" ފަދަ ފިލްމުތައް ކުޅެފައިވާ މަޝްހޫރު އެކްޓަރު ރާމް ޗަރަން އާއި އާއި "ޕުޝްޕާ" ގެ ބަތަަލު އައްލޫ އަރުޖުންގެ އާއިލާއަށެވެ.
ލީޑް އެކްޓަރެއްގެ ގޮތުގައި ވަރޫން ފިލްމީ ދުނިޔެއަށް ތައާރަފުވީ 2017 ގެ "މިސްޓަ" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޕީރިއަޑް އެކްޝަން ތުރިލާ "މަޓްކާ" އެވެ. މިދިޔަ އަހަރު ވަރޫންގެ އިތުރު ފިލްމެއް ވެސް ރިލީޒްވި އެވެ. އެއީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރާ އެކު ކުޅުނު އެކްޝަން ޑްރާމާ "އޮޕަރޭޝަން ވެލަންޓައިން" އެވެ.
އިންޑިއާގެ ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، އެ ގައުމަކީ މިހާރު ހަ ވަނަ އަށް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ވެސް ހަމަޖައްސާފައި ވަނީ އިންޑިއާގެ ބަތަލާއެކެވެ. އެއީ ކެޓްރީނާ ކައިފެވެ.