މީގެ ކުރިން ވެސް ޕޮންޒީ ސްކީމެއް ހިންގައިގެން އެތައް ބައެއްގެ އޮޅުވާލުމުގެ މައްސަލައެއްގެތުހުމަތުގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަނެއްކާ ވ ެސް ޓްރޭޑުކޮށްގެން މީހުންނަށް ފައިދާ ހޯދައިދޭނެ ކަމަށް ބުނެ އިންވެސްޓަރުން ހޯދަން ފަށައިފި އެވެ.
މިހާރު ފެންމަތިވެފައި އޮތް ސޯޝަލް ޕިރަމިޑް ސްކީމެއް ކަމަށްވާ ޖެމްކިއު ނުވަތަ ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމަށް އިޝާރާތްކޮށް އޭނަ ވިދާޅުވީ އެތައް ސަތޭކަ ބައެއްގެ އަތުން ހިންގީ ޕޮންޒީ ސްކީމެއް ނޫން ކަމަށެވެ.
"އަޅުގަނޑު މިހުރީ އަދިވެސް ބަޔަކު އަޅުގަނޑާ ބައިވެރިވާ ނަމަ ޓްރޭޑްކޮށްގެން ފައިިދާ ހޯދައިދޭން ތައްޔާރަށް. ކުރިން އިންވެސްޓް ކޮށްގެން ފައިިދާ ލިބުނު މީހުންވެސް މަދެއް ނުވާނެ. އެކަން ހުއްޓުވުމާ ހަމަޔަށް ކިންގްސް އިން ދިޔައީ ފައިސާ ދެމުންކަން ރެކޯޑުތަކުން ސާފުކޮށް ފެންނަން ހުރިކަން ފާހަގަކުރަން،" އަލްހާން ވިދާޅުވި އެވެ. "އެހެންކަމުން، އަލުން އަޅުގަނޑާ އެކީ ކްރިޕްޓޯ ކަރަންސީން އޮންލަައިން ޓްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު ހުޅުވާލަން އަޅުގަނޑު ގަސްތުކުރަން."
މިކަން ހިއްސާކޮށް އޭނަ ވަނީ އިންވެސްޓުކުރަން ޖެހޭ އަދަދުތަކާއި އެއިން ލިބޭނެ ފައިދާގެ ވާހަކަތަކެއް ވެސް ހިއްސާކޮށްފަ އެވެ.
އަލްހާންގެ ތިންބެއިން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ހީލަތުން ގިނަ ދިވެހިންތަކެއް އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައިގައި، ފުލުހުންގެ ތަހުގީގު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 މީހުންނާ ގުޅިގެން އަލްހާންގެ ތިންބެއިންގެ ކުރެ ކޮންމެ މީހަކަށް 13 ދައުވާއެއް އުފުލާފައިވެ އެވެ.