އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ރިސާޗް ގްރާންޓްގެ ދަށުން ފަސް މީހަކަށް ޖުމްލަ 350000ރ. ދީފިއެވެ.
އެމި ގްރާންޓް ދީފައި ވަނީ ރިސާޗްގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގަ އެވެ.
\އައިޔޫއެމްއިން ރިސާޗް ގްރާންޓް ދެމުން އަންނަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ރިސާޗް ޕްރޮމޯޝަން ސްކީމާއި ޕޯސްޓް ގުރެޖުއޭޓް ރިސާޗް ސްކީމުގެ އިތުރުން އިނޮވޭޝަންސް ސްކީމެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާން ކުރި އައިޔޫއެމްގެ ރިސާޗް ގްރާންޓަށް ޖުމްލަ 13 ޕްރޮޕޯސަލް ހުށައަޅާފައިވާ އިރު، މި ފަހަރު ގްރާންޓް ދިނީ ރިސާޗް ޕްރޮމޯޝަންސް ސްކީމާއި އިނޮވޭޝަންސް ސްކީމުގެ ދަށުންނެވެ.
އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސާޗް އެންޑް އިނޮވޭޝަންސް، ޑރ. ވިޝާލް މޫސާ ވިދާޅުވީ، ޕޯސްޓް ގުރެޖުއޭޓް ރިސާޗް ސްކީމުގެ ދަށުން ގްރާންޓް ދެވޭ ވަރަށް ޕްރޮޕޮސަލް ހުށައަޅާފައި ނުވާ ކަމަށެވެ.
ރިސާޗް ގްރާންޓް ލިބުނު 5 ބޭފުޅުން:
* އައިޝަތު ޝިފާ (އިނޮވޭޝަން ގްރާންޓް)
* ޑރ. މަރިޔަމް ޝަރީފާ (ރިސާޗް ގްރާންޓް)
* ޑރ. ފާތިމަތު މުނާ (ރިސާޗް ގްރާންޓް)
* އަލްއުސްތާޛު މުޙައްމަދު އިމްރާން (ރިސާޗް ގްރާންޓް)
* ޑރ. ސުނީނާ ރަޝީދު (ރިސާޗް ގްރާންޓް)
ވިޝާލް ވިދާޅުވީ އެ ފަސް ބޭފުޅުން ހުށަޙެޅި ރިސާޗް ޕްރޮޕޯސަލްތަކުގައި 13 ފަރާތަކުން މަސައްކަތްކުރާ އިރު، އޭގެ ތެރޭގައި އެ ޔުނިވަރސިޓީން ބޭރުގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ރިސާޗްގެ ދާއިރާ އެ ޔުނިވަސިޓީން ފުޅާކޮށްފައިވާ އިރު، މިދިޔަ އަހަރާއި މި އަހަރު އެ ޔުނިވަސިޓީން ކުރިއަށް ގެންދާ ރިސާޗް މަސައްކަތްތަކުގެ އަގު 13 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އައިޔޫއެމުން ބުންޏެވެ.