ކުޅުދުއްފުށީ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މެހެމާނެއްގެ ގޮތުގައި މިނިސްޓަރު ބައިވެރިވެވަޑައިގަތުމުން އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އޭނަ ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ފެށުމަށްޓަކައިބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި، އެއާޕޯޓުގެ މަސައްކަތާ ގުޅުން ހުރި އިންޓާނަލް ޕްރޮސެސްތައް މިހާރު ނިމިފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ ސައްކަތް ފެށުން ލަސްވީ ދައުލަތުގެ މާލީ ހާލަތާއި، އެއާޕޯޓްގެ ޕްލޭނަށް ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި، އަދި އެއާޕޯޓަށް ބޭނުންވާ އިކުއިޕްމެންޓްސްއަށް އޯޑަރު ކުރުން ކަހަލަ ކަންކަމުގައި ލަސްތަކެއް ދިމާވެގެން ކަމަށެވެ.
ނަމަވެސް، މިހާރު ވެސް އެ އެއާޕޯޓް ޓާމިނަލާއި، ފެންސާއި، ސެކިއުރިޓީއާ އިގުޅުން ހުރި ކަންކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެންމެ ފަހުކޮޅު ތަރައްގީކުރި އެއާޕޯޓެކެވެ. އެ އެއާޕޯޓް ރަސްމީކޮށް ހުޅުވީ ސެޕްޓެމްބަރު 21، 2018 ގަ އެވެ. އަދި އެތަނަށް ރަސްމީ އޮޕަރޭޝަންތައް ފެށީ އޮގަސްޓް 9، 2019 ގަ އެވެ.