Last Updated: June 24, 10:31
Tuesday, June 24, 2025
މުނިފޫހިފިލުވުން

އަހަންނަކީ އަދިވެސް ޒުވާނެއް: ދަރުމެންދުރާ

މުސްކުޅި ކަމަށް ގަބޫލު ނުކުރާ ކަމަށާއި އޭނަ އަކީ އަދިވެސް ވަރަށް ހަރަކާތްތެރި ޒުވާނެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ދަރުމެންދުރާ ބުނެފި އެވެ.

އިއްޔެ ފާހަގަކުރި ޔޯގާ ޑޭއާ ގުޅިގެން ފިޓްނެސް އަށް ދޭ ސަމާލުކަމާ ބެހޭ ގޮތުން އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އަށް ދިން އިންޓަވިއުއެއްގައި 89 އަހަރުގެ އެކްޓަރު ބުނީ މުސްކުޅިއެއް ކަމަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރާ ކަމަށެވެ.

"އަހަންނަކީ މުސްކުޅިއެއް ގޮތަށް ވަރަށް ގިނަ ބަޔަކު ސިފަކުރެވޭ. އެކަމަކު ހަގީގަތަކި އަދިވެސް އަހަންނަކީ ވަރަށް ޒުވާން، އެކަމުގެ ޖޯޝު ވެސް ގަދަ މީހެކޭ." މަޝްހޫރު އެކްޓަރުން ކަމަށްވާ ސަނީ، 67، އާއި ބޮބީ ޑިއޯލް، 56، ގެ ބައްޕަ ބުންޏެވެ.

ދަރޭ ބުނީ އޭނަ އަކީ އަަބަދު ވެސް ސިއްހަތާއި ފިޓްނެސް އަށް ވަރަށް ބޮޑު ސަމާލު ކަމެއްދޭ ކަމަށެވެ. އެގޮތުން އަބަދު ވެސް ހަރަކާތްތެރި ދިރިއުޅުމަކަށް ލޯބިކުރާ ކަމަށް ބުންޏެވެ. ހިންދީ ސިިނަމާ އަށް އައި އެންމެ ރީތި އެއް އެކްޓަރުގެ ގޮތުގައި އަބަދު ވެސް ގިނަ ބަޔަކު ދެކޭ އަދި "ހީ-މޭން" ގެ ލަގަބު ވެސް ދީފައިވާ ހުނަރުވެރި އެކްޓަރެކެވެ.

އޭނަ ބުނި ގޮތުގައި ޔޯގާ އާއި ފެތުން ކަހަލަ ކަންކަމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ބަހައްޓަ އެވެ.

"އޭގެ ސަބަބުން ވަރަށް ގިނަ ސިއްހީ މައްސަލަތަކުން ރައްކާތެރިކޮށްދޭ." މަޝްހޫރު ބަތަލާ ހެމާ މާލިނީ، 76، އާ ވެސް ކައިވެނިކޮށް، ދެ އަންހެން ދަރިން ވެސް ތިބި ދަރޭ ބުންޏެވެ.

އޭނަ ބުނި ގޮތުގައި ސިއްހަތަކީ އަގުބޮޑު ޖަވާހިރެއް ކަމަށާއި އުމުރުން އެހާ ދުވަސްވީ އިރު، ވެސް އޭނަ އަށް ފިލްމީ މަސައްކަތް ވެސް ހުއްޓާ ނުލައި ކުރިއަށް ގެންދެވަނީ ސިއްހަތަށް ބަހައްޓާ ސަމާލުކަމުގެ ސަބަބުން ކަމަށެވެ.

"އަހަރެން ކޮންމެ ރެއަކު ވެސް ނިދަނީ ހުވަފެންތަކެއް ދެކެމުން މާދަމާ އަށް އިންތިޒާރު ކުރަމުން،" އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އަހަންނަކީ ހުވަފެން ދެކުން ހުއްޓާލާނެ މީހެއް ވެސް ނޫން. އޭގެ މާނަ އަކީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރާނެ މީހެކޭ އަހަންނަކީ."

ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެއް ފިލްމު ކަމަށްވާ "ޝޯލޭ" ގެ ރޯލެއް ވެސް ކުޅުނު ދަރޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިޔާ" އެވެ. ދަރޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އިއްކީސް" އާއި "ދޭޝް ކޭ ގައްދާރު" ހިމެނެ އެވެ.