ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައި ދޭ ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިދިޔަ 2022 އާއި 2023 ގެ އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް އިނާމު ދިނުމަށް ކުރިއަށް ގެންދާ "އަރުތަވެރިންގެ އިނާމު" ޖަލްސާގެ މިއަދު ހެނދުނުގެ ދަންފަޅީގައި މިނިސްޓަރު ވިދާޅުވީ ޓީޗަރުން ނުލިބުމުގެ ދަތިކަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި އެގޮތުން 600 އެއްހާ ސެން ޓީޗަރުން ވެސް ބޭނުންވާ ކަމަށެވެ. އަދި 200 އެއްހާ ޕްރައިމަރީ ޓީޗަރުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ އަދަދަށް ޓީޗަރުން ބޭނުން ވަނީ ކީސްޓޭޖް ހަތަރަކާއި ކީސްޓޭޖް ފަހަކަށް ބޭނުންވާ ސަބްޖެކްޓް ޓީޗަރުން ނުހިނަމައި ކަމަށެވެ.
"[އެހެންވެ] މި އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ ހައި އެޑިއުކޭޝަން އިންސްޓިޓިއުޓްތަކާ ގުޅިގެން ސެން ޓީޗަރުން ތަމްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް އަޅުގަނޑުމެން ފައްޓާނަން." އޭނަ ވިދާޅުވި އެވެ.
ސެން ޓީޗަރުންނަށް ފައިސާގެ އިތުރު އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.